އަންނަ ސެޕްޓެމްބަރ މަހުގެ ނުވަނަަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަުގައި ވާދަކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ކެންޑެޑެސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.
އެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސްގެ ފޯމް ހަވާލުކޮށްދެއްވީ އެމަނިކުފާނުގެ އިންތިހާބީ އެޖެންޓަކަށް ކަނޑައަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްއެވެ. އީސީގެ ފަރާތުން ފޯމް އާއި ހަވާލުވެވަޑައިގެންނެވީ، އީސީގެ ރައީސް ފުއާދު ތައުފީގްއެވެ.
އެމްޑީޕީގެ ޓިކެޓު ރައީސް ސޯލިހް ކަށަވަރު ކުރެއްވީ އެ ޕާޓީން ބައިވެރިވި ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ. އެ ޕްރައިމަރީގައި ރައީސް ސޯލިހް ވަނީ އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައިފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ 2 ޖަހާއިރު ހަމަވާނެއެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
މިހާތަނަށް އައިއިރު، ކެންޑިޑެސީ ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. ނަމަވެސް، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ދާދި ދެންމެއަކު ސުޕްރީމް ކޯޓްއިންވަނީ ހުކުމް ކޮށްފައެވެ.

