ޑިމޮކްރެޓްސް ރިޔާސީ ކެނޑިޑޭޓް، އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ރަނިންގްމޭޓްއަކަށް އެސްޓިއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ހަމަޖައްސައި ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.
އެ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް އަދި ރަނިންމޭޓް އަމްރުގެ ފޯމް މިއަދު މެންދުރު 13:00 ގައި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދި ޑިމޮކްރެޓްސްއިން ވާދަކުރާ އިލްޔާސްގެ ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހަމަޖައްސަން ނިންމިކަމުގެ ގިނަ ބަޔަކު ބުނަމުން ދިޔައެވެ. އަދި އީވާގެ ކުށުގެ ރެކޯޑު ސާފުކުރަންވެސް ހުށަހަޅާފައިވެއެވެ.
ނަމަވެސް ރަނިން މޭޓަކަށް އީވާ ހަމަޖައްސަން ނިންމި ނިންމުން ބަދަލުވި ކަމުގެ އަޑުތައް ގަދަވީ، ޑިމޮކްރެޓްސް އިން މި ފަހުން ކުރި ކެމްޕޭން ދަތުރުގައި އަމްރު ބައިވެރިވެވަޑައިގަތް ހިސާބުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ އިތުރުން، އެންއެންޕީ ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް (ކާނލް ނާޒިމް)ވެސް ވަނީ މިއަދު ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަންއަށް ހުށަހަޅާފައެވެ.

