ގެއަށް ވަދެ ފިނޑިބައެއްގެ ގޮތުގައި ނުތިބޭނަން ކަމަށާއި އެމްޑީޕީއަކީ، ރާއްޖޭގައި ހުޅުޖެހި ޕާޓީއެއް ކަމަށާއި، އެ ޕާޓީ ވެރިކަމަށް އައިސްގެން ރައްޔިތުންނަށްވީ އެއްވެސް މޮޅެއް ނެތް ކަމަށް ކުރީގެ ރައީސް ޔާމީންގެ ރަނިންމޭޓް އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. އަހުމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަންއަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ބަލައިނުގައތީ ރަނގަޅަށް ކަމަށާއި، އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުއިން ވަނީ މިއަދު ހުކުމް ކޮށްފައެވެ. އެ ޝަރީއަތް ނިންމެވުމަށް ފަހު ނުކުމެ ނޫސް ވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން، ޖަމީލް ވިދާޅުވީ، ރާއްޖޭގައި އިންސާފު ގާއިމުކުރެއްވުމަށް ޔާމީން ވަރަށް ގިނަގުނަ މަސައްކަތްތައް ކުރެއްވި ކަމަށާއި، ނަމަވެސް، ރާއްޖޭގެ ގާނޫނު އަސާސީގެ ތެރެއިން، ލިބިދީފައިވާ އެންމެ މުހިންމު އަސާސީ އެއް ހައްގު ކަމުގައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ހައްގު އަދި ރައްޔިތުން ބޭނުންވާ މީހަކު އިންތިހާބު ކުރުމުގެ ހައްގު މިއަދު މިވަނީ ނިގުޅައިގަނެފައި ކަމަށެވެ.
“އެއް ގޮސް ދެ ގޯސްގެ ވާހަކައެއް ނޫން މިދައްކަނީ.. ދަށު ކޮތުއިން ކޮށްފަ ހުރި ހުކުމުގައި ހުރީ ހައްތަހާވެސް ފޫނުބެދޭ ކަންތައްތައް. އެތަން މިތަނުން އޭތި މީތި ކިޔާފައި އޮތް ޙުކުމެއްގެ ވާހަކަ މި ދައްކަނީ. ދެން ކޮންމެ ކޯޓަކުން ހުކުެއް ކުރިޔަސް މިހާރު އެއީ ޙުކުމަކަށްވަނީ، ކިތަންމެ ގޯސްތަކެއް ހުއްޓަސް. ދެން އޮތް މަގަކީ އިސްތިއުނާފްކުރުން” ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމުގެ ގޯސްތައް ހުރި ކަމަށާއި އެ ކަންތައްތައް ވަރަށް ތަފްސީލުކޮށް އިސްތިއުނާފުގައި ހުށަހަޅާފައިވާނޭކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
އަދި ވ. އާރަށު މައްސަލާގައި ރައީސް ޔާމީންއަށް ގުޅޭނީ ކިހިނެއް ކޮން ގޮތަކުންތީ ފަނޑިޔާރަށް ބުނެނުދެވުނު ކަމަށާއި، ދަށު ކޯޓުގައި ފަނޑިޔާރު ނުދައްކާ ވާހަކަތުގެ މައްޗަށް ރިޢާޔަތްކޮށް މަތީ ކޯޓުތަކުން ހުކުމްކޮށްފައިވާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން، ޝަފަހީ ހެކިތަކާއިއެކު ވަރަށް ތަފްސީލްކޮށް އިސްތިއުނާފުގައި ކިޔައިދީފައިވާނޭކަމަށާއި ރައީސް ޔާމީންއަށް ތުހުމަތުކޮށްފައިހުރި އެތަކެއް ކަމެއް އެއީ ސާބިތުކުރެވޭނެ ކަންކަންކަމަށް ނުވާއިރު އެކަންކަން ސާބިތުކުރެވޭނެ ހެކި ނެތްކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
“މިގޮތަށް ކުރާ ހުކުމުގެ ނަތީޖާ ކިހާ ގްރޭވް. ކިހާ ގްރޭވް. މިއީ ދެއްތޯ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، މިއަކީ ބަޔަކށް ލައިދީގެން، ބަޔަކު ބައިންދައިގެން، ބަޔަކު ވިސްނައިދީގެން، ބަޔަކަށް ލުއިދީގެން ބޮޑެތި މުޖުރިމުން ލައްވާ ހެކިބަސް ދީފަ. އަނެއްކާ ހެކިންގެ ހެކިބަހަކީ ކޮން ޝަރުޢީ ނިޒާމެއްގައި ގަބޫލުކުރެވޭ ހެކިބަހެއް”
ދިވެހި ރާއްޖެއަކީ ދިގު ތާރީހެއް އޮތް ގައުމެއް ކަަމށާއި، މި ގައުމު މި ހިސާބަށް އައީ އެތައް ބައެއްގެ މަސައްކަތުންކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ، މިއަދު މި ގައުމުގެ ކޮންމެ ރައްޔިތަކު އަމިއްލަ ނަފްސާއި ސުވާލުކުރަންޖެހޭ ކަމަށެވެ. އެގޮތުން، ތިމަންނަ މިއަދު މި މަގާމުގައި ހުރި ނަމަ، ކުރާނެ އިހުސާސްއަކީ ކޮބައިތޯއާއި އިންސާފު ހައްގު މިންވަރާއިމެދު ސުވާލުކުމަށް ޖަމީލްވަނީ އިލްތިމާސްކުރައްވާފައެވެ.

