ދުރުން ދުރުން ނުގޮސް ސީދާ ވާހަކައައްށް ޖެހިލާނަމެވެ. "ތެނަދޫ އަލަން ހެދީ މަގުތަކުގައި ބަންޕަރެ ހަދާހައި ހުއްޓޫ 3 އިރު އިރަކު 4 ގޮޅަ ބޭހެ ކަނެ ވައްތަރަން" މިއީ ގދ ތިނަދޫ ގައި ރައީސް ސޯލިހުގެ ސަރުކާރުން ތަރައްޤީ ކުރަމުންދާ މަގު ތަކާ ބެހޭ ގޮތުން ރަށުގެ ޒުވާނަކު ސޯޝަލް މީޑިއާ ގައި ލިޔެފައިވާ ސްޓޭޓަސް އެކެވެ. ފޭސްބުކް ގައި ވަރަށް އެކްޓިވް މި ޒުވާނާގެ އަމިއްލަ އައިޑީ ގައި އިއްޔެ ލިޔުން އެ ވާހަކަ އާއި ގުޅިގެން އާންމުން ލިޔެފައިވާ ކޮމެންޓް ތަކުން އޭނަ ލިޔުނު ވާހަކައިގައި ޙަޤީޤީަތެއް ވާކަން ސާފު ވި އެވެ.
އާއި އެކު މި ވާހަކަ ރަށުތެރޭގައި ވަރަށް ބޮޑަށް ދެކެވޭ އަޑު އިވެންފެށިއެވެ. އޭގެ ފަހުން އިތުރު ޕޯސްޓެއް އެހެން ޒުވާނަކު ލިޔެވޭ. ރަށުގައި ހުންނަ އިޖްތިމާޢީ ބައެއް ކަންކަން މަޖާ ސިފައެއްގައި ސޯޝަލް މީޑިއާ ގައި މީހުންގެ އަދި ވެރިންގެ ސަމާލުކަމަށް ގެންނަ އެ ޒުވާނާ މިފަހަރު ދެއްކީ ކުރިން ސްޓޭޓްސް ލިޔުން ކުއްޖާ ދެއްކި ވާހަކަ އާއި ގުޅުން ހުރި ވާހަކަ އެކެވެ އޭނަގެ ސްޓައިލް ގައެވެ. "ހަދާހައި ތެއި ބަންޕަރެ ތަކުގެ މައްސަލަ، އެކަމާ ބައެކެ ޒުވާނެ ކުއްދުނާ ވާހަކަ ދައްކައިލީމައި ބޮނަންނު، އެލާނެ ބަންޕަރަން އަރާހައި އެރީގެން އެޔަނެ ވޭލޭ … ރޫޅިޔެނެ ކަމަން… " އޭނާގެ އާންމު އުސޫލުން ހެމުން ބުނެފައިވެއެވެ. މި ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު ހެއްވާލި ނަމަވެސް އެ ކިޔާ އެއްޗެއް ގައި ޙަޤީޤަތެއް އެބަ ވެއެވެ. ތިނަދޫ ގައި ދިރިއުޅޭ ގިނަ ބަޔަކު އެކި ގޮތްގޮތުން މިވާހަކަ ކަންބޮޑުވުން ތަކާ އެކު ދައްކަން ފެށުމުން މި ކަމުގެ ޙަޤީޤަތް ބަލާލަން މަގުތަކަށް ނުކުމެލީއެވެ.

އެ ދައްކަނީ ތެދު ވާހަކައެކެވެ. ރަށުގައި އަލަށް ހެދި މަގުތަކުގައި އެބުނާ ބަންޕަރު ތައް ތިބި މަގެއްގައި މަޑުކޮށް ވާނުވާ ބަލާލި އިރު، އަސްތާ! ކަމަކު ފަހަކަށް ނެތެވެ. ސަވާރީވެރިން އެ ގޮވާ ގޮވެލި ފަތި ދަނީ ބޯބޯ މަތިންނެވެ. ވެއްޓޭ މީހުން ވެސް މަދެއް ނޫނެވެ. ގިނައިން ފަތިވަރު ގޮވަނީ އޮޑިއެއް ފަރަށް އަރާހެން އެރީމާއެވެ. އެއީ ތިނަދޫ ގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ 2 ވަނަ ފޭސް ގެ މަގުތަކުގައި މިހާރު ހަދަމުންދާ ސްޕީޑް ބަރޭކް ތަކުގެ ވާހަކަ އެވެ. ސޯޝަލް މީޑިއާގައި އެ ދައްކަނީ ކޮންމެ 200 ފޫޓަކުން 200 ފޫޓަކުން އޭގެ ތަނަކާ ދިމާވާ ވާހަކައެވެ. ރަށުގެ މަގުތަކާއި ގޯޅިތައް ހެދިފައި ހުންނަ ގޮތުން އެ ކަމުގައި އުނދަގޫވާ ވާހަކައެވެ. ވީޑިއޯ ޕޯސްޓް ގައި އެބުނަނީ އެ ސްޕީޑް ބަރޭކް ތައް ހަދާފައި ހުރި ގޮތުން ދުއްވާ މީހުންނަށް އުނދަގޫ ވާ ވާހަކައެވެ. އޭގެ މައްޗަށް އަރާފަ ދާއިރު ފަސޭހަ ނޫން ވާހަކައެވެ. ހިމަކޮށް އަދި މިންގަޑަށްވުރެ އުސްކޮށް ހުރުމުން ސައިކަލް ތަކުގެ އިންޖީނާއި ކަވަރު ޖެހި ގެއްލުން ލިބޭ ވާހަކައެއްވެ. އެއީ ތެދެކެވެ. މިހާރު މުޅި ރަށުގައި އެވާހަކަ ދައްކާ އެޑު ވަރަށް ބޮޑަށް އާންމުވެފައިވެއެވެ ގިނަ މީހުން އެވާހަކަ ދައްކަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ތިބެއެވެ. ސަރުކާރަށާއި މަސައްކަތް ކުރަމުންދާ ފަރާތަށް ފާޑު ކިޔަމުންނެވެ. އެހެން ވެދާނެއެވެ. ރަށުގައި ސްޕީޑް ބަރޭކް ހަރުކޮށް އެއަށް ފަރިތަ ނުވާތީ ކަމަށްވެސް ވެދާނެއެވެ. ނޫނެކެވެ. ރަށުގައި ގިނަ ވާނީ މާލޭގައިވެސް ސައިކަލު ދުއްވާ މީހުންނެވެ. އޭގެ މިންތައް ވެސް އެނގޭ މީހުންނެވެ. މައްސަލަ އަކީ "އެ ބަންޕަރު" ތައް ހަދާފައި ހުރި ގޮތެވެ. މާ ގިނަވެސް ވީއެވެ.

ތާރުން ހަދާފައިވާ ބަންޕަރު ނުވަތަ ސްޕީޑް ބަރޭކް ތަކުގެ ވާހަކަ ބާއްވާ މުޅި ޕްރޮޖެކްޓަށް ނާރެހެއް ހިނގާލަމާ ބަހީއެވެ. ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފުރަތަމަ ފެށީ ނިމި ދިޔަ ސަރުކާރުންނެވެ. 11 ވަރަކަށް ކިލޯމީޓަރު ގެ މަގުތައް އެ ފަހަރު ހެދި އެވެ. މުހިއްމު ބޮޑެތި މަގުތަކުގައި ތާރު އަޅާ ދުވާރުތައް ހެދިއެވެ. މާގިނަ ދުވަސް ތަކެއް ނުނަގާ އެ މަގުތައް ހަދާ ނިމުނެވެ. ބޭރު ކުންފުންޏަކާ ޙަވާލު ކޮށްގެން ކުރި މަސައްކަތް ނިމުނުތާ މާގިނަ ދުވަހެއް ނުވަނީސް ސަރުކާރު ބައްދަލުވިއެވެ.
ތިނަދޫ އަކީ އަބަދުވެސް، އެއިރެއްގެ ސަރުކާރުން އިސްކަން ދެމެއް ދެމުން އަންނަ ރަށެކެވެ. އެގޮތުން މި ދައުރުގައި ވެސް ތިނަދޫއަށް ސަމާލުކަމެއް ދިނެވެ. ރަށުގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލު ކުރުމަށް އޮތް ޕްރޮޖެކްޓާއި މަގު ހެދުމުގެ 2 ވަނަ ފޭސް އޭގެ ތެރޭގައި ހިމެނުނެވެ. ސެނޮކް ކިޔާ ލަންކާ ކުންފުންޏަކާ މަސައްކަތް ޙަވާލު ކޮށް ކޮވިޑް-19 ގެ ޢާލަމީ ވަބާގެ ކުރިންނެވެ. އެ މަސައްކަތް އެމީހުން ފެށީ ވަރަށް ރީތި ކޮށެވެ. ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. އާންމު ދިރިއުޅުމަށް ރޭކާވެސް ނުލާ ހުއްޓާ މިކަން ނިންމާ އަތް ދޮވެލާނެ ކަމަށެވެ. ނަމަވެސް ކަންވީ މުޅިން އިދިކޮޅަށެވެ. ކޮނުން ވަޅުތަކާ ޖެހި ދަނގަނޑުތަކާ ކުރި އެހެނިހެން މަސައްކަތް ވެގެން ދިޔައީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް އެޅުނު ބޮޑު ހުރަހަކަށެވެ. ހިނގާބިނގާ އުޅުމަށް ވީ ބޮޑު ނުރައްކަލަކަށެވެ. ހުރިހާ ނުރައްކާތެރި ހާދިސާ ތައް ރިޕޯޓު ނުކުރިޔަސް ވަރަށް ގިނަ ހާދިސާ ތަން ވަނީ ހިގާފައެވެ. ޝަކުވާއެއް ވެސް ކައުންސިލަށް ދިޔައީ އޮހެމުންނެވެ. އެ މަސައްކަތް އެ ހާލުގައި ނިމިގެން ދިޔައީ ދާދި އިހަކަށް ދުވަހުއެވެ.

ފެން ހިންދުމުގެ ނިޒާމްގެ މަސައްކަތް ނުނިމެނީސް ދެން ފެށުނީ މަގުތައް ހަދައި ނިންމަން ފެށި މަސައްކަތެވެ. ސަރުކާރުގެ ކުންފުނި ،އާރުޑީސީ އާއި ޙަވާލު ކޮށްގެން ފެށި މި މަސައްކަތް ފެށީ އަވަހަށް މަގުތައް ހަދައި ނިންމަށެވެ. މުޅިން ދިވެހިން ބޭނުން ކޮށްގެން ފެށި މަސައްކަތް ވެސް ކުރިޔަށް ގެންދަން ފަސޭހަ ނުވިއެވެ. ކުންފުނީގައީ ގިނަ މުވައްޒަފުން ތިބި ނަމަވެސް ބޭނުންވާ ވެހިކަލް ތަކާއި މުހިންމު އާލާތްތައް މަދެވެ. ނަތީޖާ އަކަށްވީ މުޅި ރަށުގެ އެކިއެކި ދިމާލުގައި 2 ކުންފުނިން ހަމައެއް ލަމައެއް ނެތި، ރައްކާތެރިކަމެއް ނެތި މަގުތައް ބޭނުން ކުރަން ފެށުމުން އިހު ބުނި ގޮތަށް އާންމު ރައްޔިތުންނަށް ވަމުން ދިޔަ އުނދަގޫ ތަކާއި ގެއްލުން ބޮޑު ވުމެވެ. ވަރަށް ވިސްނައިގެން ފިޔަވަޅެއް ނާޅައި ފިނަމަ ކޮންމެ ވެސް ގޮތަކުން ނުރައްކާތެރިވެއެވެ. ދުއްވާ އެއްޗެއްސައް އަދި މާ ނުރައްކަލެވެ.

ކޮންމެ އަކަސް ކޮންމެ ޙާލެއްގައި ،ކިތަންމެ ލަސް ވިޔަސް ގިނަ މަސައްކަތް ތައް ނިމި އެއް މަންޒަރުން އަނެއް މަންޒަރެއް ބަދަލު ވެއެވެ. ދެން ފެށުނީ ތާރު އެޅުމަށް ވާން ޖެހޭ ތައްޔާރީ އެވެ. ކަމަކުދާކަށް ނެތެވެ. މަގު ތަކުގައި ފެން ހިންދަން އެޅި ނިޒާމު އޮތީ އެހެން މިހެނެވެ. ބައެއް ޖަންގުޝަންތައް މާ ތިރި އަނެއްބައި ޖަންގުޝަން ތައް މާ މަތީގައެވެ. އެއްވެސް ލެވެލެއް ނެތެވެ. އެ ޖަންގުޝަންތަކަށް ބަލައިގެން ދެން ކުރި މަސައްކަތް ވެސް ހުރީ ހަމަ އެހެނެވެ. ތިނަދޫ ގެ މަގުތައް ހަދަން ތިބި އާރުޑީސީ މިކަންވީ އިތުރު ގޮންޖެހުމަކަށެވެ. މަގު ތަކަށް އެތައް ގުނައެއްގެ ޚަރަދު އިތުރުވިއެވެ. ކުރިން ކޮއްފައި ހުރި އެތައް ކަމެއް އަލުން ކުރަން ޖެހުނީއެވެ. މަސައްކަތް އަވަސްވާ ގޮތެއް ނުވެއެވެ. ހައްތަހާ ވަނީ "ސްލޯ" އެވެ. ތާރުއަޅަން އައި ޗައިނާ ކުންފުންޏައް ވެސް އެ ކަންކަން ވީ ބޮޑު ތަކުލީފަކަށެވެ. ތާރު އަޅައި ނިންމަން ބޭނުންވި ތާރީޚުވެސް ގޮއްސި އެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. މުހިންމީ ތާރީޚެއް ނޫނެވެ.
ކޮންމެ ޙާލެއްގައި ވިޔަސް ރަށުގެ މަގުތަކުގައި އެ މަސައްކަތުގައި އޮތް މިންވަރަށް ތާރު ދަމައިފިއެވެ ކޮންމެ މަގެއް އެތައް ދުވަހަކަށް ބްލޮކް ކޮށްގެން ވިޔަސް އެކަން ދަނީ ކުރަމުންނެވެ . އިތުރަށް ވެސް މަގުތައް ހަދަން ފަށައިފިއެވެ. އެކަމަކު އަދިވެސް މި ކަމުން ސަލާމަތް ވެވޭ ގޮތެއް ނުވެއެވެ. އެއްވެސް މަގެއް އެއްކޮށް ނުނިމޭ އެވެ. އަދިވެސް އެއްކަލަ ޖަންގުޝަން ތަކާއި އެކި ނިޒާމް ތަކުގެ މައްސަލަ ޙައްލު ކުރުމަށް ކޮންމެ މަގެއް ގައިވެސް ކޮންމެ ވެސް ކަމެއް ކުރެއެވެ. ދުވާރުތައް ޖުމްލަކޮށް ހުރީ ނެހެދިއެވެ. މަގުތައް އަދިވެސް ރައްކާތެރިއެއް ނޫނެވެ. ދުވާރު ތައް ހަދަން ޖެހޭ ބައިގައި ހުރީ ހިގާ އުޅެވޭ ގޮތަކަށް ނޫނެވެ. އުކާލަން ޖެހޭ ކުނި ބުނި ތައް ހުރީ މަގުގެ އެއްފަރާތަކަށް ލާފައެވެ. ބޮޑެތި ކޮންކްރީޓް މަތިގަނޑު ތަކާ ބޭނުން ކުރި ތަކެތި އަދިވެސް ހުރީ އެހެން މިހެނެވެ. ކުރު ގޮތަކަށް ބުނާ ނަމަ މަގުތައް ހުރީ ދުއްވާ އެއްޗެއްސާ ހިގާ މީހުންނަށް ރައްކާތެރިކޮށް ނޫނެވެ. ޓެކްސީ ދުވާ މީހުން ވެސް ބުނަނީ އެތައް ދުވަހަކަށް މަގުތައް ބަންދު ވެފައި އޮތުމަށް ފަހުއެސް އަދިވެސް ފަސޭހައެއް ނުލިބެއެވެ. އެއްފަރާތަށް ފެން ހިންދާ މި ނިޒާމު ގެ މަސައްކަތް ކުރެވިފައި ނުވަތަ ކުރަމުން ދަނީ ރަނގަޅަށް ނޫން ކަމަށެވެ. ސްޕީޑް ބްރޭކް ތައް ވެސް ރަނގަޅު ނޫން ކަމަށެވެ. ރޭގަނޑު ވަރަށް ނުރައްކާތެރި ކަމަށެވެ. މަސައްކަތް ދިޔަ ގޮތާ މެދު ރައްޔިތުން ކިތަންމެ ހިތްހަމަނުޖެހުނަސް ،ދިގުލައިގެން ދިޔަޔަސް ނިމޭ މަސައްކަތް ހުންނަން ވާނީ ރަނގަޅަށް ކަމަށެވެ. މި ހެދި މަގުތަކުން އެކަމެއް ނުފެންނަ ކަމަށެވެ. މާދަމާ ސިޓީއެއްގެ "ދަރަޖަ " ދޭން ނިންމާފައިވާ ރަށެއްގެ ގޮތުގައި އޮތް އިރު ތަރައްޤީ އަށް ކުރާ މިފަދަ މަސައްކަތްތައް ހިނގަމުންދާ ފަރުވާކުޑަ ކަން އެ ޑްރައިވަރުން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ކައުންސިލް ތަންކޮޅެއް ބޮޑަށް ޒިއްމާދާރު ވާން އެމީހުން ގޮވާލައެވެ. ރައްޔިތުން ކެކި އަރަން ފެށުމުން ބައްދަލުވުން ބާއްވާ ފޮޓޯ ނެގިއަސް ނަތީޖާ ނުފެންނަ ކަމަށް އެމީހުން ދެކެއެވެ.

