އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ރިޔާސި ކެންޑިޑޭޓް އަދި މާލޭގެ މޭޔަރ މުހައްމަދު މުއިއްޒުގެ ފަހަތަށް އަރަން ޕީޕީއެމްގެ ލީޑަރޝިޕްއިން އެއްބަސް ވެއްޖެއެވެ.
ރާއްޖޭގެ މިޑިއާ އަކަށް އެ ޕާޓީގެ ބޭފުޅަކު މައުލޫމާތު ދެއްވާފައިވާ ގޮތުގައި މާދަމާގެ ވަގުތެއްގައި މުއިއްޒުގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަންއަށް ހުށަހަޅަން ނިންމާފައިވާ އިރު، އޭނާގެ އަރިހުގައި އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ނަން ހާމަނުކޮށް އެ ޕާޓިގެ ބޭފުޅަކު ހާމަކޮށްފައިވާ ގޮތުގައި، އިސީއަށް ފޯމްލާން މުއިއްޒު ހާޒިރުވާއިރު އެ ޕާޓީގެ ތެރޭގައި ބައިބައިވުމެއް ނެތްކަން ހާމަވެގެން ދާނެއެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ކުރިޣެ ރައީސް ޔާމީންއަށް ވާދަ ނުކިރެވޭނެ ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ހުކުމް ކުރެއްވުމުން ، ޕީޕީއެމްއިން އިންތިހާބު ބޮއިކޯޓް ކުރެއްވުމަށް ޔާމީންވަނީ އެދިވަޑައިގެންފައެވެ.
ނަމަވެސް ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަން ގައި ހިމެނިވަޑައިގަންނަވާ މެންބަރުން ހިމެބނޭ ސެނެޓްއިން ވަނީ އިންތިހާބު ބޮއިކޯޓް ނުކުރުމަށް ނިންމާފައެވެ.
އިންތިހާބު ބޮއިކޯޓް ކުރަން ނިންމަވައިފި ނަމަ އެއީ ޕާޓީއަށް ލިބިގެންދާނެ ނިކަމެތިކަމެއް ކަމަށްވެސް ޕާޓީގެ ބައެއް މެންބަރުން ދެކެވަޑައިގަންނަވައެވެ.

