ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި ޖެހިފައިވާ އިތުރު މީހެއް އިއްޔެ ފެނިފައިވާ ކަމަށް ހެލްތް ޕްރިޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ހިމަބިހި ޖެހިފައިވާ ބަލިމީހާއަކީ ރާއްޖެއިން ބޭރުން އެ ބަލި ޖެހިގެން އައި މީހެކެވެ.
މީގެ އިތުރުން އެ މީހާގެ ފަރާތުން އެ ބަލި ފެތުރުމުގެ ފުރުސަތު އޮތީ ކިހާ މިންވަރަކށް ތޯ ބެލުމުގެ ގޮތުން، އެ މީހާއާއި ދިމާވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގް އެއް މިހާރު ހަދަމުންދާ ކަމާށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
މިދިޔަ މަހު ފަހު ކޮޅުވެސް ހިމަބިހި ޖެހިފައިވާ މީހެއްވަނީ ރާއްޖެއިން ފެނިފައެވެ. ނަމަވެސް އެޗްޕީއޭއިން ހާމަކުރި ގޮތުގައި އެ މީހާއާއި އިއްޔެ އެ ބަލިޖެހިގެން ރިޕޯޓްކުރި މީހާއާއި އެއްވެސް ގުޅުމެއް އޮތްކަމށް އަދި ފާހަގަވެފައި ނެތް ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ހާމަކުރި ގޮތުގައި، ހިމަބިހި ބަލީގެ ވެކްސިން ނުޖަހާ މީހުން ދެނެގަނެ އެމީހުންނަށާއި ބަލި ޖެހިފައިވާ މީހާ ދިރިއުޅޭ ސަރަހައްދުގައި ދިރުއުޅޭ ފަރާތްތަކަށް ވެކްސިން ޖެހުމުގެ މައްސައްކަތް ދަނީ ކުރަމުންނެވެ.
މި ބަލީގެ އަލާމްތަތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ނޭފަތުން އަރިދަފުސް ފޭބުން، ލޯ ރަތްވުން ހިމެނެއެވެ.
އަދި އެފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓްރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

