އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވާހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފިއެވެ.
މިކަން ހާމަކުރައްވާ އީސީއިން ވިދާޅުވެފައިވަނީ ކެންޑިދެސީ ފޯމްއާއި އެއާއި އެކު ހުށަހަޅާފައިވާ ލިޔުންތައް ޗެކް ކުރުމަށްފަހު ގާނޫނުގައިވާ ގޮތުގެ މަތީން، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މުއިއްޒުގެ ޝަރުތު ހަމަވާ ފަރާތެއްކަމުގައި ބަލައި އީސީއިން އެ ފޯމް ބަލައިގެންފައިވާ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ވިސްނުންފުޅު ކުއްލި ގޮތަކަށް ބަދަލުކުރައްވާ ވަނީ މުއިއްޒުއަށް އެމަނިކުފާނުގެ ތާއީދު އޮތްކަމަށް ވިދާޅުވެފައެވެ.
އަދި މުއިއްޒު ފޯމް ހުށަހެޅުމާއިއެކު، ޕީޕީއެމް ޕީއެންސީ ކޯލިޝަންއިން ވަނީ އޭނާއަށް މަރުޙަބާ ކިޔާފައެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމަށް ފަހު މިއަދު ހެނދުނާ ހަމައަށް ވެސް ޔާމީންގެ ވިސްނުންފުޅު ހުރީ ދެ ޕާޓީން ވެސް އިންތިހާބު ބޮއިކޮޓު ކުރުމަށެވެ. އެއާއެކު މުއިއްޒުގެ ފޯމު ހުށަހެޅުމާމެދު ވެސް ޕާޓީ ތެރޭގައި ހިޔާލުތަފާތުވުންތައް ހުއްޓެވެ.
ނަމަވެސް މިއަދު ހެނދުނު މުއިއްޒާއި ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވަނީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގެ އަށް ވަޑައިގެން ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. އޭނާގެ އަރިހުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވެސް ވަޑައިގަތެވެ.
ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައި ޕީއެންސީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ފުރިހަމަ ތާއީދާ އެކު ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

