މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވައިފިއެވެ. އުމަރު ނަސީރުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ އަހުމަދު ސަލީމް، މާޒް ސަލީމްއެވެ.
އުމަރު ނަސީރުގެ ކެންޑިޑަސީ ފޯމު ހުށައެޅުމަށް ވަޑައިގެންނެވިއިރު ރަނިންމޭޓް މުހައްމަދު ސަލީމް އާ ސަޕޯޓަރުން ވަނީ ބައިވެރިވެޑައިގެންފައެވެ. އިލެކްޝަން ކޮމިޝަންގެ ފަރާތުން އުމަރު ނަސީރުގެ ކެނޑިޑެސީ ފޯމާ ހަވާލުވެވަޑައިގަތީ އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤްއެވެ.
ޢުމަރު ނަޞީރުގެ ރަނިންމޭޓް އިޢުލާންކުރައްވަފައިވަނީ، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައަޅުއްވަން ވަޑައިގެންފައެވެ. އުމަރު ނަސީރަކީ 2008 ޥަނަ އަހަރުވެސް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާފައެވެ. އަދި 2013 ވަނަ އަހަރު ޕީޕީއެގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާފައިވެއެވެ. ޢުމަރު ނަޞީރު ވަނީ 2018 ވަނަ އަހަރުވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވުމަށްފަހު، ފަހުން ވާދަ ނުކުރެއްވުމަށް ނިންމަވާފައެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޢުމަރު ނަޞީރުގެ ކެނޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ 2000 މީހުންގެ ސޮޔާއެކުއެކުއެވެ. ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާނަމަ މަދުވެގެން 1500 މީހުންގެ ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން ރިޔާސީ އިންތިހާބުގެ ގާނޫނުން ލާޒިމްކުރެއެވެ.
މީގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޑިޑެންސީވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފިއެވެ. އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ކެންޑިޑަސީ ފޯމާއި، އަމިއްލަ ގޮތުން ވާދަކުރާ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރައްވަމުން ގެންދަވާ މއ. މާވެޔޮވިލާ ހަސަން ޒަމީލްގެ ފޯމާއި، މިއަހަރު އަލަށް އުފެއްދި ޕާޓީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ފޯމުގެ އިތުރުން އަމިއްލަ ގޮތުންވާދަކުރައްވާނެކަން އިޢުލާންކުރައްވާފައިވާ ފާރިސް މަޢުމޫން، ކެނޑިޑެސީ ފޯމް ވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބަލައިގެންފިއެވެ.

