ދިރިއުޅުމަށްޓަކައި، އެތައް މަސައްކަތެއް ކުރަން ޖެހޭ މިޒަމާނުގައި، ކޮންމެ މީހަކުވެސް، އަނބިދަރިންގެ ޚަރަދާއި، ކެއުން ބުއިމަށްޓަކައި، ރަނގަޅު އާމްދަނީއެއް ހޯދަން ޖެހޭ ކަމަށް އެންމެވެސް، ޤަބޫލުކުރެއެވެ. އަދި ބައެއް މީހުންނަކީ އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީ އިން ދިރިއުޅެމުންދާ ބަޔަކަށް ވެފައި، އަނެއް ބައި މީހުންނަކީ، ވަޒީފާއެއްގައި އުޅެމުން އާމްދަނީ ހޯދާ ބައެކެވެ.
ކަންމިހެން އޮތް އިރު، ރާއްޖޭގެ ސިޔާސީ މަސްރަޙަކީ، އެއިރެއްގެ އޮންނަ ސަރުކާރަކުން އާންމު ރައްޔިތުންގެ ތެރެއިން އެ ސަރުކާރަށް ތާއީދުކުރާ ބަޔަކަށް ރަނގަޅު އާމްދަނީއެއް ދިނުމުގެ ގޮތުންނާއި، ސަރުކާރު ދިފާއު ކުރުމަށް ޝަރުތުކޮށް، ގިނަ ބަޔަކަށް ސިޔާސީ ވަޒީފާ ދޭ ޤައުމެކެވެ. ތައުލީމެއް ޤާބިލު ކަމެއް ނުބަލާ، ކުރަންޖެހޭ މަސައްކަތާއި ނުބައްދަލު ބޮޑެތި މުސާރަ ދޭ ގައުމެކެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ސިޔާސީ މުސާރަވެރިންގެ ގޮތުގައި އެތައް ރޯނުއެދުރުންނެއް ތިބެއެވެ. ކޮންމެއަކަސް، މިދަންނަވާ ސިޔާސީ ވަޒީފާތަކުގައި އުޅޭ މީހުންގެ މާބޮޑު މަސައްކަތެއް ނެތަސް، ދައުރު ނިމެންދެން މުސާރަ ހިނގައެވެ. ކޮންމެ ހާލެއްގައިވެސް ސަރުކާރު ދިފާޢު ކުރުމާއި، ކެމްޕެއިން މަސައްކަތްތަށް ރަނގަޅަށް ކުރެއްވުމަކީ މަތިކޮށްފައިވާ ވާޖިބެކެވެ.
ސަރުކާރަކީ، އެތައްބައެއްގެ މައްޗަށް ބަރޯސާވެފައި، އެތައް މަސައްކަތެއް ކުރަންޖެހޭ ބައެކެވެ. އަދި ހުރިހާ ކަމަކީ އެންމެން ހިތްހަމަ ޖެހޭގޮތަށް، ނުވަތަ، އެންމެ ރަނގަޅު ގޮތަށް ނުވެ ހިނގައިވެސް ދާނެވެ. އެހެން ނަމަވެސް، ސަރުކާރުންވެސް ނޭނގި ނުވަތަ އެނގިގެން ނަމަވެސް، ރައްޔިތުން ތަކުލީފު އުފުލަން ޖެހޭ ކަމެއް ކުރެވިދާނެއެވެ. ނުވަތަ ރައްޔިތުންނަށް އެންމެ ރަނގަޅު ނޫން ކަންކަން ވެސް ކުރެވިދާނެއެވެ.
މިދަންނަވާ ހާލަތް ތަކުގައިވެސް، އެއްކަލަ ސިޔާސީ މުސާރަވެރިޔާއަށް މަޖްބޫރުވާ ހާލުގައި ނަމަވެސް، ސަރުކާރު ދިފާޢު ކުރައްވަން ޖެހިވަޑައިގަންނަވައެވެ. ދާދި އިހަކަށް ދުވަހު، ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ވާހަކަ އަދި ދިވެހިންގެ ހަނދާނުގައި ޔަގީނުންވެސް ހުންނާނެއެވެ. ހަމައެދުވަހުވެސް އެއްކަލަ ސިޔާސީ މުސާރަވެރިން، އެއް އަޑަކުން، ސަރުކާރަށް މަރުހަބާ ދެންނެވިއެވެ. މީސްމީޑިއާގެ މަންސަތަކުގައި ހުއްޓުމެއް ނެތި ފަތުރަމުން ދިޔައީ ރާއްޖެއަށް ބޮޑު ބައެއް ލިބިއްޖެ ކަމަށެވެ. މިވެރިންގެ ޓްވީޓް ތަކާއި، ފޭސްބުކް ޕޯސްޓްތައް ހުރި ގޮތުން އެއީ މިވެރިންނަށް ބަޔަކު ލިޔެދީ ފޮނުވާފައި ހުރި ލިޔުންތަކެއްކަން ސާފުވެއެވެ. “ކޮޕީ ޕޭސްޓް” ކުރުމުގައި ހުރިހާ ސިޔާސީ ވެރިން ޓްވީޓްތައް ކުރަމުންދިޔައިރު، އެއް ޖުމްލައެއް ހަމަ އެގޮތަށް، އުނިއިތުރެއް ނެތި، އަދި ފިލި މަދުކޮށް ޖަހަމުން ދިޔައެވެ.
މީގެއިތުރުން، ސަރުކާރުން ރަށުގައި ހިންގާ ޕްރޮޖެކްޓެއްގެ ސަބަބުން އާންމު ރައްޔިތު މީހާއަށް ދިމާވާ ތަކުލީފުތައްވެސް މިދެންނެވި ސިޔާސީ މުސާރަވެރިޔާއަށް ކުރިމަތިވާނެއެވެ. މިސާލަކަށް ދިރިއުޅޭ ގޭގެ ދޮރު ކުރިމަތީގައި ބޮޑު ވަޅުގަނޑެއް ކޮނެފައި، ހަފްތާއެއް ވާއިރު ހަމަޔަގީނުންވެސް އުނދަގޫވާނެއެވެ. އެހެން ނަމަވެސް، އެކަމަކީ އެންމެ ރަނގަޅު ކަމަށް ޤަބޫލުކޮށް، އެއްޗެކޭ ނުބުނެ ހުރެއެވެ. އަދި އެހެން އާންމު ފަރުދަކު އެވާހަކަ ދައްކައިފިނަމަ، އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމާށާއި، އެއީ ރަނގަޅު ކަން ކަން ކަމަށް ބުނެ ޖަދަލުކުރަމުން ސަރުކާރު ދިފާޢު ކުރެއެވެ. އަދި މިކަމުގައި ޖޯކު ޖެހެނީ، އެއްކަލަ ވަޅުގަނޑުގެ ސަބަބުން އުނދަގޫ ނުވާ ސިޔާސީ މުސާރަވެރިޔާ، އެ ވަޅުގަނޑުގެ ހައްލު ލިބޭ ދުވަހު “ޝުކުރިއްޔާ” ލިޔެ ސަރުކާރަށް ސަނާ ކިޔާތީއެވެ.
ކޯވިޑްތެރޭގައި ވެސް މިފަދަ އެތަކެއް ކަމެއްވިއެވެ. ލޮކްޑައުން އަކަށް ދިޔުމުން ބައެއް އާންމު ރައްޔިތުންގެ ޝަކުވާތަކަށް ސިޔާސީ މުސާރަވެރިން ސަރުކާރުގެ ދިފާއުގައި ޖަވާބުދާރީވަމުން ދިޔައެވެ. އެއީ ކޮންމެހެން ކުރަން ޖެހޭކަމެއް ކަމަށް ބުނަމުން ދިޔައެވެ. އަދި އޭގެ ދެދުވަސް ފަހުން ލޮކްޑައުން އުވާލުމާއިއެކު، އެންމެ ފުރަތަމަ ޝުކުރުދަންނަވާ ސްޓޭޓަސް ޖެހި މީހަކަށް މި ދެންނެވި ސިޔާސީ މުސާރަވެރިޔާ ވެގެން ދިޔައެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ، ކިތަންމެ ރުހުނަސް، އަދި ތިމާ މީހާ ތާއީދު ކުރާ ސަރުކާރަކަސް، ގޯސް ކަމެއްވެސް ކުރެވިދާނެކަން ގަބޫލު ކުރަން ޖެހެއެވެ. ސިޔާސީ ގޮތުން ލިބޭ މަހު މުސާރައަށްޓަކައި، ނުވަތަ ލިބިފައިހުރި މަގާމުގެ ދަހިވެތިކަމުގައި ކޮންމެ ކަމެއް ހެޔޮވެގެން ހުންނަން ނުވާނެ ވާހަކައެވެ. މިއަދު މި ހިނގަމުން ދާ ސަރުކާރަށް ތާއީދު ކުރަމުންދާ ރަށްރަށުގައި ތިބި ސިޔާސީ ބައެއް މުސާރަވެރިން ފެނި ހަމަ ހައިރާންވެ އަންތަރީސްވެއެވެ.
2008 ވަނަ އަހަރުން ފެށިގެން، ރައީސް ނަޝީދަށް ތާއީދު ކުރި މީހުން މިއަދު އެ މަނިކުފާނަށް އެންމެ ހަޑި ހުތުރު ބަހުން އެއްޗިސް ކިޔަމުން ދާއިރު މުސާރައެއްގައި ހުރި ބާރުވެރިކަން އިހުސާސުވެގެން ދެއެވެ. އެއިރު، ރައީސް ނަޝީދު ކޮނޑަށް ލައި، އެމަނިކުފާނުގެ ކޮންމެ ނިންމެވުމަކަށް އިޖާބަދީ، އެމަނިކުފާނަކީ، ޑިމޮކްރަސީގެ ބައްޕަ ކަމަށްބުނެ، އަދި އެމަނިކުފާނުގެ ދިފާއުގައި އެތައް ޒުވާބެއް ކޮށް އެތައް މުޒާހަރާއެއް ކުރި މީހުން، ހަމަ ކުއްލިއަކަށް ބަދަލުވެގެން ދިޔައީއެވެ.
މިއަދު ރައީސް ނަޝީދަށް ގޮވާލާ އެއްޗެހިން އެއް އިރެއްގައިވެސް އެމަނިކުފާނަށް ތާއިދު ކުރިކަން ހަނދާންވެސް ނުހުރެއެވެ. މިއަދު އެކަނި ހައްޓާއި އެމަނިކުފާނު ސަރުކާރުން ނިކުމެގެން އެ ދިޔައީއެވެ. އަދި އެމަނިކުފާނުގެ ފަހަތުން ނިކުމެގެން ދިޔަ ސިޔާސީ މުސާރަވެރިންގެ އަދަދު އިނގިލިން ގުނާލެވެއެވެ.
މިޒާތުގެ ސުވާލު މިހާރުވެސް ސިޔާސީ ވަޒީފާއެއްގައި އުޅެމުންދާ މީހެއް ކައިރިން އަހާލުމުން ޖަވާބު ވަރަށްވެސް ކުރު ކޮށްލިއެވެ. “ޕާޓީ ދޫކޮށް ނުލެވޭނެ” ކަމަށް ބުނެ އެވާހަކަ ނިންމާލިއެވެ. އަދި މިވާހަކައިގެ ތެރެއިން މިސާލެއްގެ ގޮތުން އެމްޑީޕީ އަށް މިހާރު ތާއިދު ކުރާ މީހުން އެންމެ ރުޅި އަންނަ އެއް ލީޑަރު ކަމަށްވާ، ރައީސް ޔާމީން އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި އައިސްފި ނަމަ، ޕާޓީއަށް ޓަކައި ރައީސް ޔާމީނަށް ތާއިދުކުރައްވާނަންތޯ ސުވާލު ކުރުމުން މިދެންނެވި ސިޔާސީ މުސާރަވެރިޔާ ޖަވާބުދިނުމަށް އުޒުރުވެރިވެ، ވަރަށް އަވަހަށް ތަނަކަށް ދާންޖެހޭކަން ހަނދާވެގެން ގޮސްފިއެވެ.
އިއްޔެ ދިވެހިރައްޔިތުން ދެކެމުން އައި އެމްޑީޕީއަކީ، ރައީސް ނަޝީދެވެ. ޕާޓީގެ ހަރަކާތްތަކާއި އިވެންޓުތަކުގައި ގިނަ ރައްޔިތުން ތިބިތަން ފެނެއެވެ. އޭގެެތެރެއިންވެސް، ގިނަވާނީ މަސްވެރިންނާއި، އަމިއްލަ ވިޔަފާރިވެރިންނާއި، އަދި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން ދިޔަ މީހުންނެނެވެ. ސަރުކާރު ވަޒީފާއެއްގައި ނުވަތަ ސިޔާސީ މުސާރަ ނަންގަވާ މީހުން އެއިރު ވަރަށްވެސް މަދެވެ.
އެހެން ނަމަވެސް މިއަދު ރަށްރަށުގައި ކުރިއަށްދާ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި އިދާރީ މަސައްކަތުން ފެށިގެން ބެނާ ހަރުކުރުމާއި، ދިދަ ދެމުމައި، ފޯމު ހޯދުމާއި އަދި ދެންވެސް ކުރަން ޖެހޭ ކަމެއް ކުރަނީ ސިޔާސީ މުސާރަވެރިންނެވެ. އެމްޑީޕީގެ ހަރަކާތްތަކުގައި އުޅޭ ކޮންމެ މީހަކީ މިއަދު އާންމު ރައްޔިތުންގެ ފައިސާއިން 20 ހާހަށް ވުރެ ގިނައިން މުސާރަ ނަންގަވާ މީހުންނެވެ. ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވީތީ، ނުވަތަ އެމްޑީޕީގެ ސަރުކާރެއް ވީތީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރާ މަންޒަރެއް ނޫނެވެ. ފެނިގެން ދަނީ، އަމިއްލާ މީހާގެ ވަޒީފާ އިތުރު 5 އަހަރު ދުވަހަށް ދަންމާލުމަށް ކުރާ މަސައްކަތެވެ. މި މަންޒަރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށްވެސް ފެނި ކުރެއްވި ޓްވީޓެއްގައި ވިދާޅުފައި އޮތީ، ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަކީ ސިޔާސީ މުސާރަވެރިންގެ ދިރުންކަމަށެވެ.
މިއަދު ފެންނަމުންދަ ސިޔަސީ މަންޒަރު ކޮންމެ ގޮތަކަށް އޮތްކަމުގައި ވީނަމަވެސް، އަދި ޕާޓީ ހަރާކާތުގައި ކޮންމެ ބަޔަކު ބައިވެރިވި ނަމަވެސް، ސިޔާސީ މުސާރަވެރިން ޤަބޫލު ކުރަން ޖެހޭ ކަމަކީ މިލިޔުމުގެ ފެށުމުގައިވެސް ދެންނެވިފައިވާހެން، ހުރިހާ ކަމަކީ އެންމެ ރަނގަޅު ކަމަށް ވެގެން ނުވާނެކަމެއެވެ. ސިޔާސީ މަގާމެއްގައި ހުރުމަކީ ކޮންމެ ގޮތަކުން ނަމަވެސް ސަރުކާރު ދިފާއުކުރުން ކަމުގައި ޤަބޫލު ކޮށްގެން ނުވާނެއެވެ. އަދި ތިމާ ހުރި މަގާމަކީ، އާންމު ރައްޔިތުމީހާ އަށް ދިމަވާ އުނދަގޫ ހައްލު ކޮށްދެވެން ހުރި މަޤާމެއް ކަމުގައި ދެކިގެން ގޯސް ކަންކަމަކީ ގޯސް ކަމެއްކަން ގަބޫލުކޮށް އެކަންކަން ހައްލު ކުރާމީހަކަށް ވާށެވެ.

