ޣައްސާން މިފަދައިން ވިދާޅުވެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ މާލެސިޓީގެ މޭޔަރ ޑރ. މުޢިއްޒުކަމަށް ނިންމާ، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޑރ.މުޢިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅީ، ރިޔާސީ އިންތިޚާބު ބޮއިކޮޓު ނުކުރުމަށް ޕީޕީއެމް-ޕީއެންސީ ޖޮއިންޓު ސެނެޓުން ނިންމާ، އެކަން ރައީސް ޔާމިނަށް އެންގެވުމަށްފަހު އިދިކޮޅުގެ ލީޑަރޝިޕާއި ރައީސް ޔާމީންގެ ތާއީދާއި އެކުގައި ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
އެއަށްފަހު އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޢިއްޒު އަދި ރަނިންމޭޓް ޙުސެއިން އަށް މަރުޙަބާ ދަންނަވާ ޣައްސާނު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
ޣައްސާންގެ ޓްވީޓްގައި ވިދާޅުވީ ޕީޕީއެމްގެ ބިޔަ ލަޝްކަރު ފޫގަޅައިގެން ނުކުމެތިބީ އެ ދެބޭފުޅުންނަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކާ ކަމަށާއި، އިރާދަކުރެއްވިއްޔާ ރައީސް ޔާމީންއަށްޓަކާ އިންތިޚާބު ކާމިިޔާބު ކުރާނެކަމަށެވެ. މިއާއިއެކު ޣައްސާން ވިދާޅުވީ ރައީސް ޔާމީންއަކީ ވަޢުދު ފުއްދަވާ ރައްޔިތުންދެކެ ލޯބިފުޅުވާ ރައީސްއެއް ކަމަށާއި، ޑރ. މުޢިއްޒު އަދި ޙުސެއިންއަކީ އިދިކޮޅު ކެންޑިޑޭޓުން ކަމުގައި ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.
މިއަދު ޑރ މުޢިއްޒު ކެންޑިޑެސީ ނަން ހުށައެޅުއްވުމަށް ޕީއެންސީގެ އިސް ލީޑަރުންނާއި ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފް (ސެމްބެ) ވަޑައިގަތެވެ.
ރިޔާސީ އިންތިޚާބުގެ ކެންޑިޑެސީއަށް ނަން ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވެފައިވާއިރު މިހާތަނަށް ރިޔާސީ ރޭހަށް ނަން ހުށައެޅުއްވީ 8 ބޭފުޅެކެވެ.
ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ކުރިމަތިލެއްވި ކެންޑިޑޭޓުން:
1. އިބްރާހިމް މުހައްމަދު ޞޯލިހު / އެމްޑީޕީ
2. ޑރ.މުހައްމަދު މުޢިއްޒު / ޕީއެންސީ
3. ޤާސިމް އިބްރާހިމް / ޖުމްހޫރީ ޕާޓީ
4. މުޙައްމަދު ނާޒިމް / އެމްއެންޕީ
5. އިލްޔާސް ލަބީބް / ޑިމޮކްރެޓްސް
މިނިވަންކޮށް ކުރިމަތި ލެއްވި ކެންޑިޑޭޓުން:
1. އަހުމަދު ފާރިސް މައުމޫން
2. އުމަދު ނަސީރު
3. ހަސަން ޒަމީލް
މިއީ މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. މިއިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ގުރުއަތުލުން ބުދަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު އޮންނައިރު، މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

