ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއާއި ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފް އަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ހާމަކުރައްވައިފިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ މާލެސިޓީގެ މޭޔަރ ޑރ. މުޢިއްޒުކަމަށާއި ރަނިންމޭޓަކީ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފް ކަމަށް ނިންމާ، ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޑރ. ވަހީދު ކުރެއްވި ޓްވީީޓެއްގައި ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކުރިއަށް ގެންދިއުމަށް ނިންމެވި ކަމަށްޓަކައި ރައީސް ޔާމިންއަށް ޝުކުރު ދަންނަވާފައެވެ. މިއާއިއެކު އެމަނިކުފާނު ވިދާޅުވީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުޢިއްޒާއި ރަނިންމޭޓް މެންބަރު ޙުސައިން މުޙައްމަދު ލަޠީފަށް މަރުޙަބާ ދަންނަވާ ހެޔޮ އެދުންތައް އަރިސްކުރާކަމަށެވެ.
މިއަދު ޑރ. މުޙައްމަދު މުޢިއްޒު ކެންޑިޑެސީ ނަން ހުށައެޅުއްވުމަށް ޕީއެންސީގެ އިސް ލީޑަރުންނާއި ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސެއިން މުޙައްމަދު ލަޠީފް (ސެމްބެ) ވަޑައިގަތެވެ.
ޕީއެންސީގެ ފޯމު ޑރ. މުޢިއްޒު ހުށަހެޅިތާ 2 ގަޑިއިރުވެސް ނުވަނީސް އިލެކްޝަނުން ވަނީ ފޯމު ބަލައިގެންކަމަށް ނިންމާފައެވެ. އެއާއިއެކު އެތައްބަޔަކު ދަނީ އިދިކޮޅުގެ ނިންމުން ބަލައިގަނެ ޑރ. މުޢިއްޒު އާއި ޙުސެއިން އަށް މަރުޙަބާ ދަންނަވަމުންނެވެ.
ރިޔާސީ އިންތިޚާބުގެ ކެންޑިޑެސީއަށް ނަން ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވެފައިވާއިރު މިހާތަނަށް ރިޔާސީ ރޭހަށް ނަން ހުށައެޅުއްވީ 8 ބޭފުޅެކެވެ.

