ޕީޕީއެމް/ޕީއެންސީ ކޯލިޝަންއިން، މާލެ ސިޓީ މޭޔަރ އަދި ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާޞުގައި ވާދަކުރަން ކުރުމަށް ނުކުންނަވާ، ޑރ، މުހައްމަދު މުއިއްޒަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް އެންމެން އެކީ މަސައްކަތްކުރުމަށް ނިންމައިފިއެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމްގެ ސަބަބުން، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓްއިން، ނިންމުމާއި އެކު، ޔާމީންވަނީ ޕީޕީއެމްއިން އިންތިހާބު ބޮއިކޮޓްކުރމުމަށް އެދިފައެވެ. އަދި މިކަމާއިގުޅިގެން އެ ކޯލިޝަންތެރޭ ހިޔާލުތަފާތުވުންތަކެއްވެސް އުފެދުނެވެ.
ނަމަވެސް ފަހުން ޔާމީންވެސް ވަނީ މުޢިއްޒުއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި އެއީ އެ ކޯލިޝަންއިން ނުކުންނަވާ ރިޔާސީ ކެންޑިޑޭޓްކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މިރޭ ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަންއިން ބޭއްވި ޕްރެސްކޮންފަރެންސްގައި، އެ ދެ ޕާޓިއެ ކޯލިޝަންގެ މުޅި ލީޑަރޝިޕް އެއްކޮށް ވަނީ ބައިވެރިވެފައެވެ.
މި ޕްރެސްކޮންފަރެންސްގައި ޕީއެންސީގެ ނައިބު ރައީސް އަބްދުއް ރަހީމް ވިދާޅުވިގޮތުގައި، އެ ދެ ކޯލިޝަންގެ ހުރިހާ ބޭފުޅުންވެސް ތިބީ ވަރަށް ބަދަހި ކަމާއިއެކު، މުއިއްޒުގެ ފަހަތުގައެވެ. އަދި އެ ކޯލިޝަނުން އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށާއި، އެކަމާއި ގުލޭ މަސައްކަތްތައް މިރެއިން ފެށިގެން ކުރިއަށް ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ ިއތުރުން މިރޭގެ ބައްދަލުވުމުގައި ، އަބްދުއްރަހީމް ވިދާޅުވީ، މިމަހުގެ 6 ވަނަ ދުވަހާއި ހަމައަށް މަސައްކަތް ކުރަމުން އައީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެވޭނެ ފުރުސަތު ހޯދައި ދެވޭތޯ ކަމަށެވެ. ނަމަވެސް މި އަނިޔާވެރި ސަރުކާރުގެ ސަބަބުން އެކަމެއް ނުކުރެވުނު ކަމަށާއި އެހެންކަމުން މިރޭ އެބޭފުޅުން ނިކުމެތިބީ، ރައީސް ޔާމީން ކުރިއަށް ވަޑައިގަތުމަށް އެންގުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
“ރައީސް ޔާމީން 2023 ކެމްޕޭން ކުރިއަށްދާއިރު، ކެންޑިޑޭޓުންގެ ގޮތުގައި މިހާރު މި ތިއްބެވީ މާލެ ސިޓީގެ މޭޔަރ، އަދި މިހާރު ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު. އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި މި ވާދަ ކުރައްވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު، ހުސެއިން މުހައްމަދު ލަތީފް. މިއީ ރައީސް ޔާމީން އެންޑޯޒް ކުރައްވާފައި ތިއްބެވި ދެ ކެނޑިޑޭޓުން. އެ ދެކެނޑިޑޭޓުންނާއި އެކީ އަޅުގަނޑުމެން މި ނިކުންނަނީ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް” އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، އެބޭފުޅުންގެ މައިގަނޑު މަސައްކަތަކަށްވާނީ ރައީސް ޔާމީން މިނިވަންކޮށް، އަލުން އަނބުރާ އެބޭފުޅުންގެ ސަފަށް ގެނައުން ކަމަށެވެ. އަދި ކެމްޕޭން ހިނގަމުން ދާނީ ވެސް އެމަނިކުފާނުގެ އިރުޝާދާއި ފުރިހަމަ ލާފާގެ މަތިން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

