އަންނަ ސެޕްޓެމްބަރ މަހު ބައްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންއިން ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ، ރައީސް ޔާމީން އެންޑޯސްކުރައްވާފައިވާ ކެންޑިޑޭޓުންކަމަށް އިދިކޮޅު ލކޯިޝަންއިން ބުނެފިއެވެ.
އެ ކޯލިޝަނުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި މަހުގެ 6 ވަނަ ދުވަހާއި ހަމައަށް މަސައްކަތްކުރީ ރައީސް ޔާމީންއަށ ްއިންތިހާބުގައި ވާދަކުރެވޭނެ ގޮތެއް ފެނޭތޯ ކަމަށާއި، ނަމަވެސް މި “އަނިޔާވެރި” ސަރުކާރުން އެކަން ވިޔަ ނުދިން ކަމަށެވެ. އެހެންކަމުން މިރޭ އެބޭފުޅުން ނުކުމެތިބީ، ރައީސް ޔާމީން ކުރިއަށ ްވަޑައިގެންނެވުމަށް އެންގުމުން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
“ރައީސް ޔާމީން 2023 ކެމްޕޭން ކުރިއަށްދާއިރު، ކެންޑިޑޭޓުންގެ ގޮތުގައި މިހާރު މި ތިއްބެވީ މާލެ ސިޓީގެ މޭޔަރ، އަދި މިހާރު ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު. އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި މި ވާދަ ކުރައްވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު، ހުސެއިން މުހައްމަދު ލަތީފް. މިއީ ރައީސް ޔާމީން އެންޑޯޒް ކުރައްވާފައި ތިއްބެވި ދެ ކެނޑިޑޭޓުން. އެ ދެކެނޑިޑޭޓުންނާއި އެކީ އަޅުގަނޑުމެން މި ނިކުންނަނީ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް”
ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަނުގެ ދެ ޕާޓީގެ ލީޑާޝިޕުގެ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއިރު، އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީން 2023 ގެ ކެމްޕޭނުގެ ދަށުން ޑރ.މުޢިއްޒުގެ ކެމްޕޭން ފަށާފައިވާ ކަމަށެވެ.
އަދި މި ކެމްޕެއިންގައި އެ ޕާޓީން ވާދަކުރައްވާ ދެ ބޭފުޅުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.މީގެ އިތުރުން، އޭނާވަނީ ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.. އެގޮތުން، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އަނިޔާއަށްވުރެ، ޤައުމާއި ރައްޔިތުން އިސްކުރައްވައި މި އިންތިޙާބުގައި ވާދަކުރަން އެ ޕާޓީއަށް ފުރުސަތު ދެއްވުން އެއީ އެމަނިކުފާނުގެ ހިތްވަރުފުޅު ގަދަކމާއި ގައުމުދެކެ ލޯޞިވާކަން ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
“މިރޭ ރައީސް ޔާމީނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން އަޅުގަނޑު ބޭނުން. އެއީ މި ސަރުކާރުގެ އެ ނުރައްކާތެރި އަނިޔާގައި އެމަނިކުފާނު ދުވަސްތައް ހޭދަކުރައްވަމުން ގެންދަވާއިރުވެސް، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އަނިޔާއަށްވުރެ ޤައުމާއި ރައްޔިތުން އިސްކުރައްވައި މި އިންތިޚާބުގައި ވާދަކުރަން އަޅުގަނޑުމެންނަށް ފުރުސަތު ދެއްވުމަކީ ޝުކުރު ޙައްޤުކަމަކަށްވާތީ،” އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން މި ފަހަރުގެ ރިޔާސީ އިންތިހާޞު އެ ޕާޓީން ކާމިޔާބުކުރެއްވުމަށްފަހު، ފުރަތަމަ ދުވަހު ޔާމީން މިނިވަންކުރައްވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

