ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދޭނަމަ، ޚާރިޖީ ސިޔާސަތަކީ ހުރިހާ ޤައުމުތަކާ ގުޅޭ ސިޔާސަތަކަށް ވާންޖެހޭނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެސިޓީ ގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ އިދިކޮޅުގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފަހުން އެ ކޯލިޝަންގެ ލީޑަރޝިޕް އެކުގައި ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚާރިޖީ ސިޔާސަތާއި، މިޤައުމުގައި އިންޑިއާ ސިފައިން ތިބި މައްސަލައާއި ގުޅެގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޑރ. މުޢިއްޒު ވިދާޅުވީ މި ޤައުމުގެ ކަންކަން ސުލްޙަވެރިކޮށް ހަމަޖެހޭ މުސްތަޤުބަލެއް ހޯދުމަށްޓަކާ އަދި، ޤައުމު ތަރައްޤީ ކުރުމަށްޓަކާ މަސައްކަތްކުރާނަމަ، ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދޭނަމަ، ހުރިހާ ޤައުމުތަކާވެސް ގާތްގުޅުމެއް އޮންނަ ޚާރިޖީ ސިޔާސަތެއް އޮންނަން ޖެހޭނެކަމަށެވެ.
މި ޤައުމުގެ ކަންކަން ސުލްޙަވެރިކޮށް ހަމަޖެހޭ މުސްތަޤުބަލެއް ހޯދުމަށްޓަކާ ޤައުމު ތަރައްޤީ ކުރުމަށްޓަކާ މަސައްކަތްކުރާނަމަ، ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދޭނަމަ، ހުރިހާ ޤައުމުތަކާވެސް ގާތްގުޅުމެއް އޮންނަ ޚާރިޖީ ސިޔާސަތެއް އޮންނަން ޖެހޭނެ: ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. މުޢިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް އޮތީ ހަމަ އެ ސިޔާސަތު ކަމާއި، ޑރ.މުޢިއްޒުގެ ވެރިކަމެއްގައިވެސް ކުރިއަށް ގެންދާނީ އެގޮތަށް ކަމަށެވެ. އަދި ވަކި ޤައުމެއް ބާކީކޮށް، ނޫނީ ވަކި ޤައުމަކަށް އާދަޔާ ޚިލާފު އިސްކަމެއްދީ އެގޮތެއް ނުގެންގުޅުއްވާނެ ކަމަށާއި، އެއްވެސް ޤައުމަކާ ދުޝްމަންވެ އެ ޤައުމަކާ ވަކިވެގެން މަސައްކަތް ނުކުރައްވާނެކަމަށެވެ.
މީގެ އިތުރުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބި މައްސަލައިގައި ޑރ. މުޢިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ތިބޭ މައްސަލަ އަކީ އެންމެންނަށްވެސް އެނގޭ މައްސަލައެއް ކަމަށާއި، މި ޤައުމުގެ މިނިވަންކަން ގެއްލޭގޮތަށް އެއްވެސް ޤައުމެއްގެ ސިފައިން ތިބޭ ތިބުމާއިމެދު ޚިޔާލު ތަފާތުވުން ނެތްކަމާއި، އެކަމަށް ހައްލެއް އަންނަންޖެހޭނެ ކަމަށެވެ.

