އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އާއި ގުޅޭގޮތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ތުހުމަތުތައް ދޮގު ކުރައްވާ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފިއެވެ.
ރައީސް ނަޝިދުގެ ޑިމޮކްރެޓްސް ޕާޓީގެ އިސް މެމްބަރެއްކަމުގައިވާ އަލީ އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޑރ. މުޢިއްޒުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ޑރ. މުޢިއްޒުއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ އެޖެންޓެއްކަމަށާއި، ކޯޓުތަކުގައި ހުރި ޑރ. މުޢިއްޒުގެ މައްސަލަތައް ނަގައިދީގެން ރެކޯޑް ސާފުކޮށްދިނީ ސަރުކާރުން ކަމަށާއި، ނޫމަޑި މައްސަލަ ރައީސުލް ޖުމްހޫރިއްޔާ ކޯޓުތަކަށް އަތްބާނައިގެން ނިންމައިދިން ކަމަށް ތުހުމަތު ކުރައްވާފައެވެ. މީގެ އިތުރުން އިދިކޮޅު ޕީޕީއެމް ގެ ސެނެޓްވެސް ޑރ. މުޢިއްޒު ގަތީ އިބްރާހިމް މުޙައްމަދު ޞޯލިހު ފައިސާ ދީގެން ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
މިކަމަށް ރައްދުދެއްވާ ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާޒިމްގެ ޓްވީޓަކީ އެއްވެސް އަސްލެއްނެތް ދޮގު ތުހުމަތެއް ކަމަށާއި، އެއީ އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުޢިއްޒުގެ އަގުވައްޓާލުމަށް ރޭވިގެން ހިންގާ ކަންކަން ކަމަށެވެ.
މިއާއިއެކު ޝުޖާއު ވިދޅާުވީ ހުރިހާ ސިޔާސީ ޕާޓީތަކުން ރިވެތި ކެންޕެއިން ކުރުމަކީ އިދިކޮޅުން އެދޭ ގޮތްކަމާއި، އެންޓި ކެންޕެއިން ކުރުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ. އަދި އެކަން ކުރަން އިދިކޮޅު މާމޮޅުވާނެ ކަމަށާއި އެހެންނަމަވެސް އިދިކޮޅުން މިކުރަނީ އިބޫ ނޫންގޮތެއް ހޯދުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އެހެންކަމުން އިބޫ ނޫން ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވާ ހުރިހާ ޕާޓީތަކުން "ކައިރި ނުވެވޭވަރަށް ދުރުނުވުމަށް" ނަސޭހަތްތެރިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

