ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިއަހަރުގެ މެއި މަހުގެ ތެރޭގައި އެހޮސްޕިޓަލުގައިވަނީ ލެޕްރޮސްކޯޕިކް ސަރޖަރީއާއި އެޑްވާންސްޑް ވޫންޑް ކެއަރގެ ޚިދުމަތް ފަށާފައެވެ.
ލެޕްރޮސްކޯޕިކް ސަރޖަރީއަކީ ހަށިގަނޑު ފަޅާލައިގެން ސަރޖަރީ ކުރުމުގެ ބަދަލުގައި ކުޑަ ލޯވަޅޭއް ތޮރުފައިގެން އެތެރެއަށް ކެމެރާ ފޮނުވައިގެން ހަދާ ސަރޖަރީއެކެވެ. އެޑްވާންސްޑް ވޫންޑް ކެއަރގެ ޚިދުމަތަކީ ރަނގަޅުނުވެ ގިނަ ދުވަސްވާ ފާރުގަނޑުތައް ޒަމާނީ ފަރުވާގެ އެހީގައި ރަނގަޅުކުރުމަށް ފެށި ޚިދުމަތެވެ.
މިދެޚިދުމަތްވެސް ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފެށީ އައިޖީއެމްއެޗްގެ އެހީތެރިކަމާއެކުގައެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް އެހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިގެން ކުރިއަށްގެންދާ މިސަރޖަރީތަކަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްގެންދެވޭ ޚިދުމަތަކަށް ހެދުމަކީ އެހޮސްޕިޓަލުގެ އަމާޒެކެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން އެހޮސްޕިޓަލަށް ކުރައްވަމުންދާ މިފަދަ ދެވަނަ ޒިޔާރަތުގައި 8 މީހެއްގެ ސަރޖަރީ ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ތިން ދުވަހުގެ މުއްދަތަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ކުރައްވާ ދަތުރުގައި ބައެއް އައުޓް ޕޭޝަންޓުން ބެލުމަށްވެސްވަނީ ހަމަޖެހިފައެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، އެބޭފުޅުން ގެ ޚާއްޞަ ވަގުތާއި، އަޅުގަނޑުމެންގެ ޕޭޝަންޓުންނަށް ދެއްވާ ޚިދުމަތަށްޓަކައި. ކުރިއަށް އޮތްތަނުގައިވެސް މި ޒަރޫރީ ޚިދުމަތްތައް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން މިތިބީ" – ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މީގެކުރިން ކޮންމެ ފަދަ ސަރޖަރީއެއް ނަމަވެސް ކުރަމުން އައީ ބަނޑު ފަޅާލައިގެންކަން އެހޮސްޕިޓަލުން ފާހަގަކުރެއެވެ. އޭގެ ސަބަބުން ފާރުގަނޑު ފަސޭހަވުން ލަސްވެ ބަލިމީހާއަށް ލިބޭ ތަކުލީފުތައް ބޮޑުވެ ފަރުވާ ދިގުލައިގެންދާކަން އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ. އެހެންކަމުން މިފަދައިން ކުރަން ހުންނަ ބޮޑެތި ސަރޖަރީތައް ޕްލޭންކޮށް އައިޖީއެމްއެޗްގެ ޓީމާ ގުޅިގެން ކުރިއަށްގެންދިޔުމުގެ މަސައްކަތް އެހޮސްޕިޓަލުން މިހާރުވަނީ ފައްޓަވާފައެވެ.
މީގެ ސަބަބުން ބަލިމީހާ އުފުލަން ޖެހޭ ތަކުލީފް ކުޑަވެ މާލީ ގޮތުންވެސް ބޮޑު ލުޔެއް ލިބިގެންދާނެކަން ޑރ.ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
މާލެ ސަރަޙައްދު ފިޔަވާ މިފަދަ ސަރޖަރީތައް އެންމެ ފުރަތަމަ ފަށާފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލްގައެވެ. އަދި މިހާރު މިޚިދުމަތް ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައިވެސްވަނީ ފަށާފައެވެ.

