އކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިޢުލާންކޮށް، ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފިއެވެ.
ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ 8 ކެނޑިޑޭޓުންނެވެ.
ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މީ އެންމެ ގިނަ ބަޔަކު ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓަކުން މިވަނީ ނަން ހުށައަޅާފައެވެ. އޭގެތެރޭގައި ހިމެނޭ ޕާޓީގެ ޓިކެޓްގައި ނުކުތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.
ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވިފައިވާ ގޮތް:
- އުމަރު ނަސީރު (އަމިއްލަ ގޮތުން)
- ޙަސަން ޒަމީލް (އަމިއްލަ ގޮތުން)
- އިބްރާހީމް މުހައްމަދު ޞާލިޙް(އެމްޑީޕީ)
- ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
- ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)
- އަހްމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)
- އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް)
- މުހައްމަދު ނާޒިމް (އެމްއެންޕީ)
މި ފަހަރުގެ އިންތިޚާބަށް ނަން ހުށައެޅުއްވި ކެންޑިޑޭޓުންގެ ތެރެއިން ގާސީމް އިބްރާހިމް މީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 3 ވަނަ ފަހަރެވެ. މީގެކުރިން 2008 ވަނަ އަހަރާއި 2013 ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ގާސިމް ވާދަކުރެއްވިއެވެ. ރައީސް ޞާލިޙް ދެވަނަ ދައުރެއް ހޯއްދަވަން ނުކުންނެވިއިރު އުމަރު ނަސީރު މީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 2 ވަނަ ފަހަރެވެ. އުމަރު ވަނީ އައު ޤާނޫނު އަސާސީން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާފައެވެ.

