އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އެކަކު އަނެކަކަށް އިޙުތިރާމުކުރުމާއި އެކު، ޞުލްހަވެރިކަމާއި އެކު ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިލްތިމާސްކޮށްފިއެވެ.
އިންތިހާބުުގައި ބައިވެރިވެފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް، ރިޔާސީ އިންތިހާބުގެ މައި މަރުކަޒު، ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އީސީގެ ނައިބު ރައީސް، އިސްމާއިލް ހަބީބު ވިދާޅުވީ، މިރެއިން ފެށިގެން ރަސްމީކޮށް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލިއިރު ކެމްޕެއިން ކުރުމުގައި، އަހުލާގީ މިންގަޑު ހިފެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މީގެ އިތުރުން، މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެހެން އަހަރުތަކާއި ޚިލާފަށް ގިނައިން ކެންޑިޑޭޓުން ވާދަ ކުރާކަމީ، އޭގެއިން ރާއްޖޭގައި ޑިމޮކްރަސީ ކުރިއަރާފައިވާ މިންވަރު ދޭހަވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
“އެއް ބަޔަކު ބާއްވާ ބައްދަލުވުމަށް އަނެއް ބަޔަކު ހުރަސް ނޭޅުމާއި، އިންތިޒާމު ނަގާލަން މަސައްކަތް ނުކުރުމާއި، މިފަދަ ކަމެއް ހިނގާ ނަމަވެސް އަމިއްލައަށް އެކަން ހައްލު ކުރަން އުޅުމުގެ ބަދަލުގައި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން ކުރިއަށް ދިއުމަކީ ވަރަށް މުހިންމު ކަމެއް،” ހަބީބު ވިދާޅުވި އެވެ.
މީގެ އިތުރުން، އެއް ކެންޑިޑޭޓުން އަނެއް ކެންޑިޑޭޓްއަށް އިންތިހާބުގެ ހައްގުތަކަށް އަރައިގެން ނުވާނެކަމަށް، ހަބީބް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ޙިޔާލުފާޅު ކުރުމުގެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށްވެސް ހަބީބްވަނީ އިލްތިމާސްކޮށްފައެވެ.
“ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމް އެޅުވުމަކީ، ސުލްހަވެރި ސިޔާސީ ހަރަކާތުގެ ހަމަތަކާ ހިލާފު، އަދި ހަމަނުޖެހުމަށް މަގުފަހިވާ ކަންކަން، ތިމާއަށް ލިބޭ ހައްގެއް ބޭނުން ކުރުމުގައި އަނެކާގެ ހައްގަށް އިހުތިރާމު ކުރުމަކީ ތަހުޒީބީ މުޖުތަމައުގެ އަސާސް،” ހަބީބު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 މީހުނަށް ލިބެ އެވެ. ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9، ގައި އޮންނަ އިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.
މިފަހަރުގެ އިންތިހާބުގައި ޖުލުލައެކު، 604 ވޯޓު ފޮށި ބަހައްޓައެވެ. އެއީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 187 ފޮއްޓާއި، އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 78 ފޮށި، ރާއްޖެއިން ބޭރުގައި 13 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަތް ފޮއްޓެވެ. އަދި 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދީފައިވެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރާއިރު، މިއީ އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލި ރިޔާސީ އިންތިހާބެވެ. 2008 ގައި ހަ ކެންޑިޑޭޓުން، 2013 ގައި ހަތަރު ކެންޑިޑޭޓުން، އަދި 2018 ގައި ދެ ކެންޑިޑޭޓުން ވާދަކުރި އެވެ.

