ގއ. ކޮނޑޭއާއި ގެމަނަފުށީގައި މި ސަރުކާރުން ހިންގައި ނިމިފައިވާ ގިނަ މަޝްރޫއުތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މިހާރު ގއ އަދި ގދ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގެމަނަފުށްޓަށް ވަޑައިގެން މިއަދު ހެނދުނުވަނީ، އެރަށުގެ ފެނުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި، ފެނަކަ އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.
އަދި އެ ރަށު ސިއްޙީ މަރުކަޒަށް އިތުރުކުރި، އިމާރާތާއި، އެ ރަށު ސުކޫލުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް އިމާރާތްވެސް ރައީސް ވަނީ ހުޅުވައި ދެއްވާފައެވެ.
ސަރުކާރުން ހާމަކޮސްފައިވާ ގޮތުގައި ގެމަނަފުށީގައި އިމާރާތްކުރި ފެނަކައިގެ އާ އޮފީސް އިމާރާތަކީ، 30 މުވައްޒަފުންގެ ޖާގައިގެ އިމާރާތެކެވެ.
ގެމަނަފުށީގެ އިތުރުން ރައީސް ޞޯލިހްވަނީ ކޮނޑޭގެ ކައުންސިލްގެ އައު އިމާރާތާއި، ފެނަކައިގެ އައު އިންޖީނުގެއާއި އޮފީސް ހުޅުއްވައިދެއްވާފައެވެ.
ކޮނޑޭގައި ގާއިމްކުރި، ފެނަކަ އައު އިންޖީނުގެއާ އޮފީސް އިމާރާތަކީ ޖާގަ ތަނަވަސް ޒަމާނީ އިމާރާތެއް ކަމަށާއި، އައު އޮފީހުގައި ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 500ކިލޯވޮޓް ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

