ސިއްހީ ޙާލަތު ހުރި ގޮތުން، ގޭ ބަންދަށް ބަދަލުކޮށްދޭން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހައިކޯޓުގައި އެދިވަޑައިގެންފިއެވެ.
ވ. އާރަށުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ވަނީ މަނީ ލޯންޑަރ ކުރުމާއި، ރިޝްވަތުުގައި ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމްއެއް ކޮށްފައެވެ. މި މައްސަލާގައި އިސްތިއުނާފު ނިމެންދެން، އެމަނިކުފާނުގެ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ފަސްކުރުމުގެ އަމުރަކަށް ހައި ކޯޓުގައި ޔާމީންގެ ވަކީލުން ވަނީ އެދިވަޑައިގެންފައެވެ.
މި މައްސަލައާއި ގުޅިގެން، މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން، ސިއްހީ ހާލަތު ހުރި ގޮތުން، ގޭ ބައްދަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށާއި، އެމަނިކުފާނަކީ ޑޮކްޓަރުގެ ލަފާމަތިން، މޫދުގައި ކަސްރަތުތައް ކުރައްވަންޖެހޭ ބޭފުލެއް ކަމަށެވެ. ނަމަވެސް، ކ.މާފުށީގައި ބިން ހިއްކަމުން ދާތީވެ، އެކަންވެސް މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
“އަޅުގަނޑު ވަރަށް އެދެން މިކަންކަމަށް ރިއާޔަތްކޮށް ދެއްވައި، އެއްވެސް ގޮތަކަށް ނިޒާމަކަށް ލިބޭ ގެއްލުމަކަށް ނުވެ މިދެންނެވި ސްޓޭ އޯޑަރާއި އަޅުގަނޑު ގެއަށް ބަދަލު ކުރުމުގެ އަމުރު ނެރެދެއްވުން. އެއީ ނިޒާމަށް ލިބޭ ގެއްލުމެއް ކަމަކަށް އަޅުގަނޑެއް ނުދެކެން.” ޔާމީން ވިދާޅުވި އެވެ.
އަދި މީގެ އިތުުރުން ޔާމީން ވިދާޅުވީ، އެމަނިކުފާނު، ހޮސްޕިޓަލަށް ވަޑައިނުގަންނަވަނީ، އޭގެ ސަބަބުން، އާއިލާއަށް އިތުރު ހިތްދަތިކަމެއް ކުރިމަތިވާތީ ކަމަށެވެ. އެގޮތުން އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރިޔަސް އޭގެ ސަބަބުން ދަޢުލަތަށް ލިބޭނެ ގެއްލުމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ ވާހަކައަށް ރިޢާޔަތްކޮށް، ޖަލު ހުކުމާއި، ޖޫރިމަނާގެ އަދަބު ފަސްކުރުމާއި މެދު، ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ޝަރިއާތުގެ އަޑުއެހުމެއްވަނީ ތާވަލްކޮށްފައެވެ.

