ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވެރިކަމަށް އިންތިޚާބުކޮށްފިނަމަ ވެރިކަމުގެފަސް އަހަރު ނިމޭއިރު، ރާއްޖެއަށް ކުރިމަތިވެފައި އޮތް ގެދޮރުވެރިކަމުގެ މައްސަލަ ތާއަބަދަށް ހައްލުކުރައްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތަކުގެ އެންމެ ބޮޑު މައްސަލަކަމުގައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރެއްވުމުގައި އަދި ގެދޮރުވެރިކަން ފޯރުކޮށްދިނުމުގައިވެސް ތަންފީޒުކުރައްވާނީ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރާ ސިޔާސަތެއްކަމަށާއި، ބޭއިންސާފުން ދުރުވެ އިންސާފުން އެކަން ކުރައްވާނެކަމަށެވެ.
"އިރާދަކުރެއްވިއްޔާ ތާއަބަދަށް ގެދޮރުގެ މައްސަލަ ހައްލުކުރާނަން، 5 އަހަރު ނިމޭއިރު ބޯހިޔާވަހިކަމެއް ގެދޮރެއް ނެތް ރައްޔިތަކު ނުހުންނާނެ،" ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ޑރ.މުޢިއްޒުއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ ޤާއިމުކުރައްވާ ސަރުކާރުގެ މޮޓޯއަކަށްވާނީ ރައްޔިތުންނަށް އިންސާފުން ޚިދުމަތްކުރުންކަމަށް ވިދާޅުވެ މުޢިއްޒު ވަނީ އޭނާގެ ވެރިކަމުގެ 5 އަހަރު ނިމޭއިރު ގެދޮރުވެރިކަން ނުލިބޭ ރައްޔިތަކު ނުހުންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޒުވާނުންނަށް އިސްކަންދެއްވާނެ ކަމަށާއި، އެހެންނަމަވެސް އެންމެނަށް ފުލެޓާއި ގޯތި ލިބޭނެކަން ކަށަވަރުކުރައްވާނެ ކަމުގައި މުޢިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ފާޑުވިދާޅުވެ ޑރ.މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ގޯއްޗާއި ފުލެޓު ބަަހަން އިއުލާނުކުރަމުންދިޔަ ނަމަވެސް ސަރުކާރުން ބަހާ ގޯއްޗާއި ފުލެޓުގެ 70 އިންސައްތަ ވުޖޫދުގައިވެސް ނެތް ކަމަށެވެ. މިސަރުކާރުން ގޯތި ބަހަން އިއުލާނުކުރިއިރު، އެގޯތީގެ ތެރެއިން ގިނަ ގޯތި ޖެހެނީ ހިއްކަންކަމަށާއި، އިއްޔެ ފުލެޓުތަކެއް ބަހަން އިއުލާނުކުރިއިރު، އެއިން ގިނަ ފުލެޓުތަކުގެ ބިންގާވެސް ނޭޅޭކަމަށާއި، އެކަމަށް ބޭނުންވާ ފައިސާވެސް ހަމަނުޖެހޭކަން ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކައި، އެތަނުން ގޯއްޗާއި ފުލެޓު ދޫކުރައްވާނެކަމަށާއި، އަދި އެކަމަށް ބޭނުންވާ ހުރިހާ ކުރެހުމެއް ހުރީ ކުރަހައި ތައްޔާރުކޮށްފައިކަން ފާހަގަކުރައްވައި ޑރ.މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް ބައްދަލުވުމެއްގައި އެ ކުރެހުންތައްވެސް އާންމުކުރައްވާނެ ކަމަށެވެ.

