ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން އިއްޔެ ގއ. ވިލިގިއްޔަށް ވަޑައިގަތުމުން، ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ތިއްބެވި ރައްްޔިތުންނަށް، ފުލުހުންނާއި ސިފައިންގެ ފަރާތުން އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި، އަދި ބައެއް ރައްޔިތުންނަށް އަނިޔާކޮށް ހިންގި “ލާއިންސާނީ” އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވިލިނގިލީ ކައުންސިލުން ބުނެފިއެވެ.
މިކަން ކުށްވެރިކުރައްވާ އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ސަރުކާރުން ވިލިނގިއްޔާއި މެދު އިހުމާލުވެ ވެރިކަމުގެ 5 އަހަރު ނިމިގެންދާ އިރުވެސް ރަށަށް ކޮށްދެއްވަން ވައުދުވެ ވަޑައިގަތް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ.
އަދި އެކަމާއި ގުޅިގެން، އަޑުއުފުލުމަށް ބަނދަރު ސަރަހައްދަށާއި، ޕީޕީއެމްގެ މައި ޖަގަހައިގައި އަޑުއުފުލަމުން ދިޔަ ރައްޔިތުންނަށް އަނިޔާކުރުން، އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ، ސަރުކާރުން އެ ރަށާއިމެދު އިހުމާލުވެފައިވާ މިންވަރު ބަޔާންކޮށްދީ ރައްޔިތުން އަޑުއުފުލަމުން ގެންދިޔައީ، ސަލާމަތީ ބާރުތަކުން، ހުއްދަދީފައިވާ ލައިންގައި ކަމަށްވެސް އެ ބަޔާނުގައި، ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ރައްޔިތުންގެ އަޑު އުފުލުމަށް ކެތް ނުކުރެވި، ރައްޔިތުންނަށާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސައަޅާ، ސިފައިންނާއި ފުލުހުން ހިންގި އަމަލަކީ އެއްވެސް ހާލެއްގައި ކައުންސިލުން ބަލައިގަންނަ ކަމެއް ނޫންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ގާނޫނު އަސާސީން ހިމާޔަތްކޮށް، ގާނޫނު ހިފާ ނެގެހެއްޓުަމަށް ހަވާލުވެ ތިބި ބަޔަކު، ހިންގި އެ އަމަލުތައް އިތުރަށް ތަކުރާރު ނުކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާ، ރަށްރަށަށް ވަޑައިގަތުމުން، އިދިކޮޅު ފަރާތްތަކުން ގާނޫނީ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދާ އަޑުއުފުލުންތަކުގައި ބައިވެރިވާ ރައްޔިތުންނަށް، އަނިޔާ ނުކުރުމަށް ކަމާއިބެހޭ މުއަސަސާތަކަށް ވިލިނގިލީ ކައުންސިލުން ވަނީ ގޮވާލާފައެވެ.

