ސެޓާރން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކްޝަންސް ގުޅިގެން އުފައްދާފައިވާ ދިވެހި ފިލްމް "ޖޯކަރު" ގެ އޮފިޝަލް ޕޯސްޓަރ އަދި ޓްރެއިލަރ ލޯންޗް ކޮށްފިއެވެ.
ޔޫސުފް ޝަފީޢު ލިޔެ، ޑައިރެކްޓް ކޮށްފައިފައިވާ ފިލްމް ޖޯކަރު ގެ އޮފިޝަލް ޕޯސްޓަރ އަދި ޓްރެއިލަރ ލޯންޗް ކޮށްފައިވަނީ އެކަމަށްޓަކައި މިރޭ އޮލިމްފަހުގެ ބެކްޔާރޑްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.
މީގެ އިތުރުން މި ހަފްލާގައިވަނީ ފިލްމުގައި އެކި ގޮތްގޮތުން މަސައްކަތް ކޮށްދިން ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފައެވެ. އެގޮތުން ހަނދާނީ ލިޔުން މި ފަރާތްތަކާއި ހަވާލުކޮށްދެއްވާފައި ވަނީ ފިލްމްގެ 2 ޕްރޮޑިއުސަރުން ކަމުގައިވާ ޢަލީ ޝާނިޒް މުޙައްމަދު އާއި އިސްމާޢީލް ޝަފީޤްއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމްގައި ގިނަ ކާސްޓުންތަކެއް ފެނިގެންދާއާއިރު، އޭގެ ތެރޭގައި ފިލްމީ ދާއިރާގައި ތަޖުރިބާކާރު ތަރިންނާއި އަލަށް ފިލްމީ ދާއިރާއަށް ތަޢާރަފްވާ ތަރިންވެސް ހިމެނެއެވެ.
ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި އަޙްމަދު ނިމާލު، ޝިލާ ނަޖީބް، ޢަލީ އާޒިމް (ދޮން އައްޔަ) ، ނާޝިދާ މުޙައްމަދު (ނާއްކޮ) އަޙްމަދު ސަޢީދު، ހަމްދާން ފާރޫޤް، އިބްރާހިމް ރަޝީދު މޫސާ (ބްރޯ) މުހައްމަދު އީމާއު (ހަބޭސް އީމާއު) ރިފްޝާން ގެ އިތުރުން އަލީފް އާއި ޝަހީދާ މުޙައްމަދު ހިމޭނެއެވެ.
މި ފިލްމްގައި ހިމެނޭ ލަވަ ކިޔަދީފައިވަނީ މަރްޔަމް އަޝްފާ އާއި ހަސަން ތޮލާޤް އެވެ. ފިލްމްގެ ހުރިހާ މަންޒަރެއްގައި މާލެ އޭރިޔާގައި ޝޫޓްކޮށްފައިވާ އިރު ފިލްމް ކެމެރާ ކޮށްފައިވަނީ ޝިވާޒް ޢަބްދުﷲ (މާސްކޭ)އެވެ. އަދ ފިލްމްގެ ބެކްމިއުޒިކް ހަދާދީފައިވަނީ އައްޔުމަން ޝަރީފްއެވެ.
ފިލްމްގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިމިފައިވާއިރު މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ފިލްމްގެ ޓިކެޓް ވިއްކަން ފަށާނެ ކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމުން މަޢުލޫމާތުދީފައިއެވެ.

