ރައްޔިތުން މުއްސަނދިކޮށް، ފަގީރުންނާއި މުއްސަނދީންގެ ފަރަޤު ކުޑަކޮށްދޭނެ ކަމަށް އެމްއެންފީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް. ނ، ރ، އަދި ބ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، މުއްސަނދިންނާއި ފަގީރުންނާއި ދެމެދެ ރާއްޖޭގައި އޮންނަ ތަފާތުކުރުންތައް ނައްތާލަންޖެހޭ ކަމަށެވެ. އަދި އިންތިހާބުގައި ނާޒިމްއަށް ކާމިޔާބު ވެއްޖެނަމަ، އެ ފަރަޤުތައް ކުޑަކުރާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
“އަޅުގަނޑުގެ އިތުރު ކަމެއް ނެތް، ރައްޔިތުން މުއްސަނދިކޮށް ފަގީރުންނާއި މުއްސަނދިންގެ ތަފާތު ކުޑަކުރަން އަޅުގަނޑު އަބަދު ވެސް ވިސްނަނީ. އަޅުގަނޑަށް ވޯޓު ދީފިއްޔާ އެކަން އަޅުގަނޑު ހާސިލްކޮށްދޭނަން،” ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ ބައެއް ރަށްތަކުގައި، ސިއްހީ ނިޒާމު ހާލަތު ދަށްވެފައިވާ ކަން ފާޙަގަކޮށް ނާޒިމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި، އެފަދަ ރަށްތަކުގެ ސިއްހީ ނިޒާމް ރަނގަޅުކޮށް ދޭނެ ކަަމަށެވެ.
“ދިވެހި ރައްޔިތުން ތިބީ ރަނގަޅު ތައުލީމަކަށް ފެންބޮވައިގެންފައި، ރަނގަޅު ސިއްހީ ނިޒާމަކަށް ބޭނުންވެފައި. ބޯހިޔާވަހިކަން ވެސް އެ މީހުންނަށް ވަރަށް ބޭނުންވެފައި މި ތިބީ،” ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން، ނ، ރ، އަދި ބ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންގެ ހާލަތު ވަރަށް ކައިރިން ފެނިފައިވާ ކަމަށާއި، ރައްޔިތުންނަށް ދަތި ވެފައިވާ ކަންކަމަށް ހައްލު ހޯދުމަށް ނާޒިމްގެ ވެރިކަމެއްގައި ކަންކަން ކުރާނެ ގޮތުގެ ޕްލޭންއެއް ކަނޑައަޅާފައިވާ ކަމަށްވެސް ނާޒިމް ވިދާޅިުވިއެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ނާޒިމް އާއި އޭނާގެ ކެމްޕެއިން ޓީމް މާދަމާ މ. ފ. ދ. އަދި ލ ގެ އަތޮޅުތަކަށް ފުރައިވަޑައިގެންނަވާނެއެވެ.

