ކުރީގެ ރައީސް އަދި ޕީޕީއެމް ޕީއެންސީގެ ލީޑަރ އަބްދުﷲ ޔާމީން ޖަލަށް ލުމަށް އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ޔާމީންގެ ވަކީލް، އަދި އެމަނިކުފާނުގެ ވެރިކަމުގައި ނައިބުރައީސް ކަން ކުރެއްވި، ޑރ، މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންއަށް ޖަލުގައި ދެމުންދާ އަނިޔާއާއި ދެކޮޅަށް މިއަދު، ހަވީރު މޭލޭގައި ފެށި ސައިކަލު ބުރުގައި ވާހަކަ ދައްކަވަމުން ޖަލީމް ވިދާޅުވީ، އެމަނިކުފާނު ޖަލުގައި ބެހެއްޓުމަށްޓަކައި، ދުރާލާ ރާވާ އެކަމުގައި އުޅުއްވީ ނަޝީދު ކަމަށެވެ.
“މިކަމުގައި ރާއްޖޭގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ ސާފް މެސެޖަކީ، ރައީސް ޔާމީން ޖަލަށް ލުމުގައި މައިގަނޑު މޭސްތިރިންނަކީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު، އެއީ ވަރަށް ބޮޑު ދައުރެއް ނަޝީދު ކުޅުއްވި،”.
ޑރ. ޖަމީލް މިހެން ވިދާޅުވި އިރު، ނަޝީދު ދަނީ ޑިމޮކްރެޓްސްގެ ޖަލްސާތަކުގައި ޔާމީން މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.
“އަޅުގަނޑު ޕީޕީއެމްގެ މެންބަރުންނަށް ޔަގީންކޮށް އަރުވަން މިއަދު ވެސް ރައީސް ޔާމީން ޖަލުން ނެރުމަށް ހަގީގީ މަސައްކަތެއް ކޮށްދެވެން އޮތީ އަޅުގަނޑުމެންނަށް. ޕީޕީއެމްއަކަށް ނޫން.” ޑިމޮކްރެޓްސެ ގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.
މިއަދު ބޭއްވި ސައިކަލް ބުރުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ދިވެހި ޒުވާނުން ތިބީ ރާއްޖޭގެ އަނިޔާވެރި އިންސާފުގެ ނިޒާމް ބަލައިގަންނަ ގޮތަކަށް ނޫން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުަގައި ބޮޑު ތަނުން، ޕީޕީއެމް ޕީއެންސީ ކޯލިޝަންއިން، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ޑރ. މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

