ކުރީގެ ރައީސް ވަހީދުއާއި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ، ޖުމްހޫރީއަށް ސޮއިކޮށްފިއެވެ.
ވަހީދުގެ އިތުރުން ޝައިނީ އެ ޕާޓީއަށް ސޮއިކޮށްފައިވަނީ، އދ. މާމިގިލީގައި ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާއެއްގައެވެ.
ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށްފަހު، ވާހަކަ ދައްކަވަމުން، ވަހީދު ވިދާޅުވީ، އަވަށްޓެރި ސްރީލަންކާގެ އިގްތިސާދު ހާލަތް އިދަޖެހިގެން ދިޔަތަން ފެނިގެން ދިޔަކަމަށާއި، އެހިސާބަށް ރާއްޖެ ދިޔުމަކީ، އެކަށީގެންވާ ކަމެއްކަމަށެވެ. އެގޮތުން އެ ހުރިހާ ކަމަކަށް ގާބިލިއްޔަތު ބަޔަކު ސަރުކާރާއި ހަވާލުވެގެން އެކަންކަން، ނުކޮށްފިނަމަ، ކުރިއަށް އޮތް އަހަރެއްގެތެރޭގައި ރާއްޖެއަށްވެސް އެ ހާލަތު މެދުވެރިވެދާނެ ކަމަށެވެ.
“އިހަށް ދުވަހު މި ފެނުނީ އަވައްޓެރި ސްރީލަންކާގެ ހާލަތު. އެހިސާބަށް ރާއްޖެ ދިއުމަކީ އެކަށީގެންވާ ކަމެއް. ގާބިލު ބަޔަކު ސަރުކާރާ ހަވާލުވެ އެކަންކަން ނުކޮށްފިއްޔާ ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އެހާލު ކުރިމަތިވުން އެކަށީގެންވޭ،” އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ވަހީދު ވަނީ ޕީޕީއެމްގެ ފަރާތްތައް ޖުމްހޫރީ ޕާޓީއަށް ވޯޓު އެޅުމަށް ގޮވާލާފައެވެ.
ޑރ. ވަހީދު ޕީޕީއެމްއިން ވަކިވެވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ނުދިނުމުގެ ސަބަބުން ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ވަހީދުވަނީ އެމަނިކުފާނުގެ ކުށުގެ ރިކޯޑް ސާފުކުރުމަށްވެސް ހުށަހަޅާފައެވެ.

