އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޑރ. ވަހީދުއާއި އެކު ޕީޕީއެމްގެ މެންބަރުންވެސް މަގުމަތިވެފައިވާ ކަމަށާއި، އެގޮތުން އެޕާޓީގެ 40،000 މެންބަރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއަށް ވޯޓު ދިނުމަށް، ކުރީގެ ރައީސް މުހައްމަދު ވަހީދު ގޮވާލައިފިއެވެ.
އދ. މާމިގިލީގައި ޖޭޕީން ބޭއްވި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ވަހީދު ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓް އެއް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ނެތް ކަމަށާއި، ފިޔާތޮށި ކުލައެއްހާ މިންވަރުވެސް ނެތް ކަމަށެވެ.
މީގެ އިތުރުން، އަމިނުކފާނު މަގުމަތިވީ ކަމަށް ދަންނަވާނަމަ، ޕީޕީއެމްގެ ސާޅީހާސް މެންބަރުންވެސް ވަނީ މަގުމަތިވެފައި ކަމަށް ވަހީދު ވިދާޅުވިއެވެ.
“އޭގެ ސަބަބުން މިއަދު، ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަަހަރުގެ ރިޔާސީ އިންތިހާބުގެ ބެލެޓް ކަރުދާހަކު ނެތް. ޕިންކް ކުލަ ވެސް ނެތް. ޕީޕީއެމްގެ ކުލައެއް ވެސް ނިޝާނެއް ވެސް ނެތް. ކޮބައިތޯ ޕީޕީއެމްގެ ސާޅީހަކަށް ހާސްް މެމްބަރުން، އަޅުގަނޑު ދަންނަވާނީ އަޅުގަނޑު މަގުމަތިވިއްޔާ އެބޭފުޅުން ވެސް ތިބީ މަގުމަތީގައޭ،” ވަހީދު ވިދާޅުވި އެެވެ.
މީގެ އިތުރުން ރާއްޖެ އިގްތިސާދީ ގޮތުން ވެއްޓެމުންދާ އަނދަވަޅުން ސަލާމަތްކުރެވޭނެ ހަމައެކަނި ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްކަމަށް ވަހީދު ވިދާޅުވިއެވެެ.

