ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށުގެ މައްސަލާގައި، ރިސްވަތުގައި ހިފުމާއި، މަނީލޯންޑަރ ކުރުމުގެ މައްސަލައާއި ގުޅިގެން، ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށްކޮށްފައިވާ ހުކުމުގެ ބައި ތަންފީޒުކުރުން ފަސްކުރުމަށް ހައި ކޯޓްއިން އަމުރުކޮށްފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލައާއި ގުޅިގެން، ކުރި ދައުވާތައް އެމަނިކުފާނުގެ މައްޗަށް ސާބިތުވުމާއިގުޅިގެން، އަދަބެއްގެ ގޮތުގައި ވަނީ 11 އަހަރަށް ޖަލަށް ލުމާއި އެކު، ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ހުކުމް ކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން، އެމަނިކުފާނުގެ ފަރާތުންވަނީ، ހުކުމް އިސްތިއުނާފު ކޮށްދިނުމާއިއެކު، ޖަލު އަދަބާއި ޖޫރިމަނާގެ އަދަބު ފަސްކޮށްދިނުމަށް އެދިފައެވެ.
ޔާމީންގެ މައްސަލާގެ އިސްތިއުނާފުގެ މައްސަލައާއި ހަވާލުވެ ތިއްބެވި، ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އެއް އަމުރުގައިވަނީ، ހައިކޯޓުގައި ކުރިއަށްގެންދާ އެމަނިކުފާނުގެ މައްސަލަ ނިމެންދެން ޖުރިމަނާގެ ފައިސާ ހޮދުމުގެ ގޮތުން އެއްވެސް މައްސަލައެއް ކޯޓްއަށް ހުށަހެޅިފައިވާނަމަ، އެކަމެއް ކުރިއަށް ނުގެންދިޔުމަށެވެ.
މީގެ އިތުރުން، އެ ނޫންގޮތަކަށްވެސްއެއްވެސް އިދާރާއަކުން، ޖޫރިމަނާގެ ފައިސާ ހޯދުމަށްޓަކައި އެއްވެސް މަސައްކަތެއް މި ވަގުތު ނުކުރުމަށްވެސް އެ އަމުރުގައި ބުނެފައިވެއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަންއަށް އެ ޕާޓީގެ ފަރާތުން ހުށަހެޅިއެވެ. ނަމަވެސް، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ދެމި އޮތުމާއި އެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފޯމް ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ.
އަދި އެ މައްސަލައާއި ގުޅިގެން ޔާމިންގެ ފަރާތުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓްއަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން ވަނީ ޔާމީންއަށް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ހުކުމް ކޮށްފައެވެ.

