ކުރީގެ ރައީސް، އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށާއި، އެކަމަށް ހައްލެއް ގެނެވެސް އޮތީ އިޙުތިޖާޖް ކޮށްގެން ކަމަށް، ޔާމީންގެ ވެރިކަމުގައި ނައިބު ރައީސުގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް، އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެ ޓުވީޓެއް ކޮށްފައި މިވަނީ، ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމުގެ ޖޫރިމަނާ ތަންފީޒުކުރުން ފަސްކުރުމަށް ހައި ކޯޓުން އަމުރު މިއަދު އަމުރު ކުރެއްވި ނަމަވެސް، އެމަނިކުފާނުގެ ޖަލު ހުކުމް ކޯޓްއިން ފަސްކޮށްދީފައި ނުވާތިއެވެ.
މިކަމާއި ގުޅިގެން ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީން ގެއަށް ބަދަލުކުރެއްވުމަށް މި ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށާއި، ޕީޕީއެމްގެ ބަދަހި ސަފުގައި ހިމެނޭ ފަރާތްތައް ހުއްޓުމެއް ނެތި، އެމަިކުފާނަށް ދެމުންގެންދާ އަނިޔާތައް ތަކާއި ދެކޮޅަށް އިހުތިޖާޖް ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
“މި އަނިޔާވެރި ސަރުކާރުން ރ.ޔާމީނުގެއަށް ބަދަލުކުރުމަށް އަދި އެއްވެސް މަސައްކަތެއް ނުވަތަ އެފަދަ ވިސްނުމެއްވެސް ނުގެންގުޅޭ. ޕީޕީއެމްގެ ބަދަހި ސަފުގެ ފަހުލުވާނުން ހުއްޓުމެއްނެތި އިޙްތިޖާޖް ވަރުގަދަ ކޮށް ރ، ޔާމީނަށް ދެމުންގެންދާ ލާއިންސާނީ އަދަބާ، އަނިޔާއާ ދެކޮޅަށް އާ ހިތްވަރެއް ނެރުމަށް އިލްތިމާސްކުރަން. ޙައްލަކީ އިޙުތިޖާޖް. އިޙްތިޖާޖް!”
ޔާމީންގެ ޖަލު ހުކުމް ފަސްކުރަން އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި އެދިވަޑައިގެންނެވީ މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުން ފަސްކުރަން ހައިކޯޓުންނާއި އަދި ސުޕްރީމް ކޯޓުން ވެސް އަމުރު ކޮށްފައި އޮތުމުންނެވެ.
މިއަދު ހައިކޯޓުން ނެރުނު އަމުރުގައި ވިދާޅުވީ މީގެ ކުރިން ޖިނާއީ މައްސަލަތަކުގައި ކޮށްފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެފައިވީނަމަވެސް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ރައީސް ޔާމީން މައްސަލައިގެ އަލީގައި ޖިނާއީ މައްސަލަތަކުގައި ދަށު މަރުހަލާގެ ކޯޓަކުން މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްނުކުރެވޭނެ ކަމީ މިހާރު އިސްތިގުރާރުވެފައިވާ ހަމައެއް ކަމަށެވެ.

