އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ދިމާކޮށް، ޕީޕީއެމް ޕީއެންސީގެ ފަރާތްތައް މަގުމަތިވެފައިވާ ކަމަށާއި، އަދި ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުން ފިޔާތޮށި ކުލަ ފެންނަން ނުހުންނާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޑރ، މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވި ބަސްފުޅަށް ޕީޕީއެމް/ޕީއެންސީ ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްދު ދެއްވައިފިއެވެ.
ޕީޕީއެމުން އިންތިހާބަށް ކެންޑިޑޭޓަކު ނުނެރުމުން އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީން ވަކިވެވަޑައިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ވަހީދު ވަނީ ޕީޕީއެމްގެ ބައެއް މެމްބަރުން މަގުމަތިވެފައިވާ ކަމަށް ވިދާޅުވެ،އެ ޕާޓީއަށް ފާޑު ވިދާޅުވެފައެވެ.
“…އޭގެ ސަބަބުން މިއަދު، ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަަހަރުގެ ރިޔާސީ އިންތިހާބުގެ ބެލެޓް ކަރުދާހަކު ނެތް. ޕިންކް ކުލަ ވެސް ނެތް. ޕީޕީއެމްގެ ކުލައެއް ވެސް ނިޝާނެއް ވެސް ނެތް. ކޮބައިތޯ ޕީޕީއެމްގެ ސާޅީހަކަށް ހާސްް މެމްބަރުން، އަޅުގަނޑު ދަންނަވާނީ އަޅުގަނޑު މަގުމަތިވިއްޔާ އެ ބޭފުޅުން ވެސް ތިބީ މަގުމަތީގައޭ،” ވަހީދު ވިދާޅުވި އެެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ހއ. އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ވަކި ކަމެއް ނުވަތަ މަގާމެއް ހާސިލް ނުވެގެން އެ ޕާޓީ ދޫކޮށް ދާނެ ބަޔަކު ޕާޓީ ތެރޭ ނެތްކަމަށެވެ.
އަދި މި ސަރުކާރު ވެރިކަަމަށް އައުމާއިއެކު ޕީޕީއެމް/ޕީއެންސީ ރޫޅާލުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށާއި، އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އަށް އަނިޔާ ކުރުމުގައި މި ސަރުކާރުން ވަނީ “ހައްދު” ފަހަނައަޅާފައި ކަމަށްވެސް، އަބްދުއްރަހީމް ވިދާޅުވިއެވެ.
“އެ ކަން ވާނީ މި ވޭތުވެގެން ދިޔަ ފަސް އަހަރު އަޅުގަނޑުމެން ސާބިތު ކޮށްދީފައި. ވަރަށް ބަދަހި ލީޑަޝިޕެއް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަކީ. އެއީ މި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގައި ޕީޕީއެމް/ޕީއެންސީ ވަރުގެ ވަރުގަދަ، އެކުވެރި، އެއްބައިވަންތަ ޓީމެއް ނޯންނާނެ. އަދި ލީޑަރަކަށް އިހުލާސްތެރި، ލީޑަރަކަށް ވަފާތެރި، ލީޑަރެއްގެ ފަހަތުގައި ފައިތިލަ ސާބިތުވެ އޮތް އެ ވަރުގެ ބަދަހި އެ ވަރުގެ ޓީމެއް ދިވެހިރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ނުދެއްކޭނެ،” ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވި އެވެ.
މީގެ އިތުރުން، 2019 އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ވެސް ޔާމީން ބަންދުގައި ބެހެއްޓިކަން ފާހަގަކޮށް، އޭރުވެސް ޕީޕީއެމް/ޕީއެންސީ ދެއްކީ ޔާމީންއާއި ޕާޓީއަށް ވަފާތެރިކަން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެެ.

