ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ރާއްޖެއިން ވަޒީފާގެ ބިރު ނައްތާލާ، އެ ކަމުގެ ތެރެއިން، ކޮންޓްރެކްޓްއެއްގެ ދަށުން، ވަޒީފާ އަދާކުރަމުންދާ ފަރާތްތައް ދާއިމީ ކޮށްދޭނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް އިއްޔެ ގއ. ކޮލަމާފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން، އިލްޔާސް ވިދާޅުވީ، މި ސަރުކާރުން އިންތިހާއަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށާއި، ނަމަވެސް ރައްޔިތުން ބިރު ނުގަތުމަށް އިލްޔާސް ވިދާޅުވިއެވެ.
އަޅުގަނޑު ކޮންޓްރެކްޓް ވަޒީފާގައި ތިބި ފަރާތްތަކަށް ދަންނަވާލަން އޮތީ، ތިބޭފުޅުން ހިތްވަރުކުރައްވާށޭ. އަޅުގަނޑުގެ، ޑިމޮކްރެޓުންގެ ސަރުކާރެއްގައި މިހާރު ކޮންޓްރެކްޓު ވަޒީފާގައި ތިބި ކުދިންވެސް އަދި ދެން ތިބި ކުދިންނަށްވެސް ވަޒީފާގެ ބިރުވެރިކމަެއް ނޯންނާނެ، އެ ކޮންޓްރެކްޓު ވަޒީފާގައި ތިބި ކުދިންގެ ވަޒީފާ ދާއިމީ ކޮށްދޭނީވެސް އަޅުގަނޑު” އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން އިލްޔާސް ވިދާޅުވީ ޒުވާނުންނަކީ ރާއްޖޭގެ ކުރިމަގާއި މުސްތަގުބަލު ކަމަށާއި، އެމީހެއްގެ ވިސްނުމާއި ފިކުރަކީ އެބައެއްގެ މިނިވަންކަމާއި ގުޅިފައި އޮންނަ އެއްޗެއް ކަމަށެވެ. އެހެންކަމުން މިހާރު ތިބި އަޅުވެތިކަމުން ނެއްޓެންޖެހޭ ކަމަށާއި، އަދި އެބޭފުޅުން އަންނަނީ އެކަމުގެ މަސައްކަތްކުރައްވަމުން ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން ހުވަދޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެ ސަރަހައްދުގައި، އިންޓަނޭޝަނަލް އެއާޕޯޓްއެއް އަޅައިދެއްވާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

