ދިވެހިރާއްޖޭގެ ޓެސްޓް ސިސްޓަމް ރިވިއުކޮށް، ޖީއެސްޓީ 3 އިންސައްތައަށް ދަށް ކުރާނެކަމަށް، ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސްގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ރޭ، ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފާރިސް ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތައް އިތުރުކޮށް ވަރުގަދަކުރާނެ ކަމަށާއި ރާއްޖޭގެ ޓެސްޓް ސިސްޓަމް ރިވިއުކޮށް ޖީއެސްޓީ 3 އިންސައްތައަށް ދަށްކުރާނެ ކަމަށެވެ.
މީގެ އިތުުރުން ރޭގެ އެ ޖަލްސާގައިވަނި ފާރިސްގެ މެނިފެސްޓޯގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަންވެސް އިއުލާސްކޮށްފއެވެ.
އެގޮތުން، އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ އަދަދު ލުއިކުރުމާއި، ކޮމިއުނިޓީ ސާބިސް އަދި ކޮންމެހެން ހިންގަންޖެހޭ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފަދަ ނޮން ކަސްޓޯޑިއަލް ފިޔަވަޅުތައް ހަރުދަނާ ކުރައްވާނެ ކަމަށްވެސް ފާރިސް ވައުދުވިއެވެ.
މީގެ އިތުރުން، ޖަލަކީ އެންމެ ފަހު ފިޔަވަޅަށް ހަދައި، މަސްތުވާތަކެތީގެ ރިހެބް، ނަފްސާނީ، ސިއްހީ ފަރުވާ އަދި ޖަލުގައި ހުކުމް ތަންފީޒުކޮށް ބޭރަށް ބަދަލުވާ މީހުންނަށް ރަނގަޅުވުމަށް އެހީތެރިވެދޭ ދިރިއުޅުމުގެ މަހައުލެއް ހެދުމަށް ހާފްވޭ ހައުސްތައް އެޅުމާއި އެކު އަންހެނުންނަށް ހާއްސަ ރިހެބިލިޓޭޝަން ސެންޓަރުތައް އެޅައިދިނުންވެސް އެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
ފާރިސް ޖީއެސްޓީ ކުޑަ ކުރަން ވައުދުވެވަޑައިގެންނެވިއިރު، މި އަހަރު ޖެނުއަރީން ފެށިގެން ޖީއެސްޓީ ވަނީ %8 އަށް ބޮޑު ކޮށްފައެވެ.

