ރ. ފުއްގިރި ކުއްޔަށް ދީފައިވަނީ އެ ރަށް ކުއްޔަށް ދޫކުރުމަށް ހުށަހަޅާފައިވާ އަގަށްވުރެ ކުޑަ އަގެއްގައި ކަމަށް އެ މައްސަލާގައި ހެކިބަސް ދިން ހެކިވެރިޔަކު ބުނެފިއެވެ.
މި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރަނީ، ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގައި ހިފުމާއި މަނީ ލޯންޑަރ ކުރުމުގެ ދައުވާއެވެ.
މައްސަލައާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި، ހެކި ބަސް ދީފައިވަނީ އެމްއެމްޕީއާރުސީގައި މަސައްކަތްކުރި މުވައްޒިފެކެވެ. މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ހުރެ، ހެކިބަސް ދެމުން، ހެކިވެރިޔާ ބުނީ، ރ. ފުއްގިރި ކުއްޔަށް ދިން ދުވަސްވަރަކީ، އެ ސަރަހައްދުގެ ރަށްތަކުގައި ވަރަށް ބޮޑަށް ޑިމާންޑްއޮތް ދުވަސްވަރެއް ކަމަށާއި، އަދި އަގަށް ބަދަލު ގެނެސްފައިވަނީ، ސޮއިކުރުމާއި ހަމައަށް ދިޔަ ހިސާބުގައި ކަމަށެވެ.
ނަމަވެސް އެއީ ސީދާ ކިހާވަރެއްކަން މި ވަގުތު ހަނދާން ނެތް ކަމަށްވެސް، ހެކިބަސް ދިން ފަރާތުން މި އަދުގެ އަޑުއެހުމުގައި ބުނެފައިވެއެވެ.
ފުއްގިރި ކުއްޔަށް ދިނުމަށް ކުރިން ނިންމި އަގަވުރެ އަގު ކުޑަކުރިކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ. ޒިޔަތު އޭރު ވިދާޅުވީ އަގު ކުޑަކުރީ ރައީސް ޔާމީން އެންގެވުމަކަށް އޭރު ނާއިބް ރައީސް އަދީބު ވިދާޅުވިކަމަށެވެ.
ފުއްގިރީގެ މައްސަލަ ދަށު ކޯޓްގައި ހިނގަމުންދާއިރު ވ. އާރަށް ކުޔަށް ދިނުމުގައި ރިޝްވަތު ނަންގަވާ މަނީލޯންޑަރިން ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި އެ މައްސަލާގައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ އެއްގެ ގޮތުގައި ދެއްކުމަށްވެސް ދަށުކޯޓުގެ ހުކުމްގައިވެއެވެ.

