ރަށްރަށުގެ އާބާދީއަށް ބަލައިގެން އެރަށްރަށުގެ ރައްޔިތުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅުއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ހއ. އަދި ހދ. ގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރޭ އިހަވަންދޫގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުޢިއްޒު ވިދާޅުވީ ތަރައްޤީ ގެނެސްދޭނީ ތަރައްޤީގެ ފިކުރުގެ މީހުން ކަމަށެވެ. މިއާއިއެކު ވިދާޅުވީ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ތަރައްޤީ ހާސިލްކޮށްދެއްވާނެ ކަމަށެވެ. އަދި އެހެން ރަށްތަކަކީވެސް އެއީ އާބާދީގެ ގޮތުން އެކި އަދަދުތަކުގެ މީހުންއުޅެ ރަށްތައް ވިޔަސް ހަމަހަމަ ރައްޔިތުން ކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ރައްޔިތުން ކަމަށްވާއިރު، ކޮންމެ ރަށެއްގައި އުޅުންނަމަވެސް އެރަށަކަށް ބޭނުންވާ ކަންތައްތައް ހާސިލްކޮށްދެވެންވާނެކަމަށެވެ.
"އެހެން ރަށްތަކަކީވެސް އެއީ އާބާދީގެ ގޮތުން އެކި އަދަދުތަކުގެ މީހުންއުޅެ ރަށްތައް ވިޔަސް ހަމަހަމަ ރައްޔިތުން، ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ރައްޔިތުން. އެހެންވީމަ ކޮންމެ ރަށެއްގައި އުޅުންނަމަވެސް އެރަށަކަށް ބޭނުންވާ ކަންތައްތައް ހާސިލްކޮށްދެވެންވާނެ. އެއީ 100 މީހުންވިޔަސް 200 މީހުން ވިޔަސް 3 ހާސް، 4 ހާސް، 10 ހާސް މީހުން ވިޔަސް، ހަމަހަމަވާނެ. އެހެންވީމަ އެރައްޔިތުންނަށް އެރަށެއްގައި ދިރިއުޅުމަށް ކޮށްދޭންޖެހޭ ކަންކަން ސަރުކާރަކުން ކޮށްދޭން ވާނެ." ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ތަކުރާރުކޮށް މުޢިއްޒު ވިދާޅުވީ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމާއި، ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ހުރިހާ ދިވެހި ރައްޔިތުންނަކީވެސް އެ ރައްޔިތުންނަށްޓަކާ ސަރުކާރުން ކަންކަން ފަހިކޮށްދޭން ޖެހޭނެ ބައެއްކަމަށެވެ.

އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން
ރިޔާސީ ކެމްޕޭނުކުރަން ލިބުނީ ކުޑަ ދުވަސްކޮޅެއް ކަން ފާހަގަކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ ހުރިހާ ރަށްރަށަށް ނުދެވުނަސް ޕޯޑިއަމްތަކުގައި އިޢުލާނުކުރަމުން ދަނީ ވަކި ރަށަކަށް ޚާއްސަ ކަންކަމެއްނޫން ކަމާއި، އެއީ ހުރިހާ ރަށަކަށްވެސް ހުރިހާ ރައްޔިތުންނަށްވެސް ޚާއްސަކަންތައްތައް ކަމަށެވެ.

