ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ރަށް ހއ. ވަށަފަރުން އެމަނިކުފާނަށް އާދަޔާ ޚިލާފު ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ބޮޑު ތިލަދުންމައްޗަށް މުޢިއްޒު އާއި ރަނިންމޭޓް ހުސައިންގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހއ. ގެ ބައެއް ރަށްރަށަށް ދަނީ ދަތުރު ކުރައްވަމުންނެވެ.
ރޭ އިހަވަންދޫއަށް އަދި މިއަދު ހެނދުނު ހޯރަފުއްޓާއި، އުތީމަށް ޑރ. މުޢިއްޒު އާއި ޕީޕީއެމް/ ޕީއެންސީގެ ޓީމުން ވަޑައިގެންނެވުމުންވެސް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އެހެންނަމަވެސް ބޮޑު ތިލަދުންމަތީގެ ދަތުރުން އެންމެ ބޮޑު ތަރުޙީބެއް އަދި ޚާއްޞަކަމެއް ޑރ. މުޢިއްޒު އަށް ދެއްވީ ވަށަފަރުންނެވެ.
ވަށަފަރުން ޑރ. މުޢިއްޒުއަށް މަރުޙަބާ ކިޔާފައިވަނީ ރަސްމީ ޢިއްޒަތާއި އެކުގައެވެ. އެކަމަށްޓަކާ ވަށަފަރު ބަނދަރު ސަރަޙައްދުގައި ގިނަ ބަޔަކު ޖަމާވެފައިވެއެވެ. ޑރ. މުޢިއްޒު ވަޑައިގެންނެވުމާއިއެކު "ވަށަފަރު މުޢިއްޒު ހޮވަމާ" މި އަޑާއިއެކު ވަށަފަރު އެކީގައި ގުގުމާލިއެވެ.
ވަށަފަރުން ލިބުނު ތަރުޙީބަށް ޑރ. މުޢިއްޒު ވަނީ ވަށަފަރުގެ ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.
ބޮޑު ތިލަދުންމަތީގެ މި ދަތުރުގެ ކުރިއަށް އޮތް މަންޒިލަކީ ހއ. ދިއްދޫއެވެ. ދިއްދޫގައި މިރޭ ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

