ދެކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ގެންގުޅުނު ބިދޭސީއަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ދައުވާކޮށް ހުކުމް ކޮށްފައިވަނީ، ބަންގްލަދޭޝް މީހެއް ކަމަށްވާ މޮހިން އުއްދީންގެ މައްޗަށެވެ.
2017 ނޮވެމްބަރުގައި ސައިކަލެއްގައި މޮހިން، ގެންދިޔަ ފޮށިގަނޑެއްގެ ތެރެއިން 2.6 ކިލޯއަށް ވުރެ ގިނަ ކެނަބިސް ފެނުނެވެ. އެ މައްސަލާގައި އޭނާ އާއި އެ ސައިކަލު ދުއްވަން އިން ދިވެއްސެއްގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ.
އެގޮތުން މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، މަސްތުވާތަކެތި ފެނިފައިވަނީ މޮހިންގެ އަތުގައި ހުރި ފޮށިގަނޑަކުން ކަމަށާއި އެހެންކަމުން އެއީ، އޭނާގެ ހިޔާޒަތުގެ ދަށުން ފެނުން އެއްޗެއް ކަމަށެވެ.
އޭނާގެ އަތުގައި ހުރި ފޮށިގަނޑުގައިވަނީ ސައިކަލް ދުއްވަންއިން ދިވެހި މީހާގެ އެއްޗެއްކަމަށް މޮހިން ޝަރީއަތުގައި ބުނެފައިވެއެވެ. ނަމަވެސް އެކަން ސާބިތުކޮށްދެވޭނެ ހެއްކެއް މޮހިންއަށް ދެއްކިފައި ނުވާކަމަށް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. އަދި އެ މަސްތުވާތަކެއްޗާ އޭނާއާ ގުޅުމެއް ނެތްކަމުގެ ހެއްކެއް ދެއްކިފައި ނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން ސައިކަލް ދުއްވަން އިން ދިވެހި މިހާގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ އެ ބިދޭސީ މީހާ އާއި ދިވެހި މީހާއާ ދިމާވީ ޖެޓީމަތިން ކަމަށް ހެކިން ބުނެފައިވާތީ އާއި އެ ދެ މީހުންގެ ދެމެދުގައި ކުރިން އެއްވެސް ގުޅުމެއް އޮތްކަމުގެ ހެއްކެއް ނެތުމުން ކަމަށް ހުކުމުގައިވެ އެވެ.
ބިދޭސީ މީހާގެ މައްޗަށް ކޮށްފައިވާ ހުކުމާއި އެކު، ޖޫރިމަނާގެ ފައިސާ ތިން މަސް ދުވަސްތެރޭގައި ދައުލަތަށް ދައްކަން ގާޒީ އަލީ އާދަމް ވަނީ އިއްވަވާފައި ކަމަށާއި، އަދި އޭނާ ބަްނދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭނީ 19 އަހަރުގެ ޖަލު ހުކުމްއެއް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

