ދުނިޔޭގެ ބޮނޑުގެ ދުވަހަކީ، އޭގެ އެކި ވައްތަރުގެ ދިރުންތަކުގެ ވާހަކަތައް ދެކެވި، އެއާި ބެހޭގޮތުން އިތުރަށް އޮޅުންފިލުވައި ބޮޑު ހިމާޔަތްކުރެވޭނެ ގޮތްތައް ކަނޑައަޅައި މަސައްކަތްކުރުމަށް ފާހަގަކުރާ ދުވަހެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮނޑުގެ 6،000 އަށް ވުރެ ގިނަ ބާވަތްތައް އެކި މާހައުލުތަކުގައި ދިރިއުޅެމުންގެންދެއެވެ. އެގޮތުން، އެންޓާޓިކާ ފިޔަވައި އެހެން ހުރިހާ ކޮންޓިނެންޓަކުން ވެސް ބޮނޑު ފެނިފައިވެއެވެ. އަދި ބޮނޑަކީ، ތިމާވެށީގެ ނިޒާމުތަކުގައި މުހިންމު ދައުރެއް އަދާކުރާ އަދި ބަޔޯޑައިވާސިޓީއަށް އެހީތެރިވެދޭ ބާވަތްތަކެކެވެ.
ދުނިޔޭގެ ބޮނޑުގެ ދުވަސް ފާހގަކުރަނީ ކުރިން ފާހަގަކޮށްލިހެން، މި ދިރުންތަކުގެ ތަފާތު ސިފަތަކާއި، ޢަމަލުތަކާއި، ތިމާވެށީގެ މުހިންމުކަމުގެ އަގު ވަޒަންކުރުމުގެ ފުރުޞަތެއްގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް މި ހިތްގައިމު ދިރުންތައް ޙިމާޔަތްކުރުމުގެ މަޤްޞަދުގައި ކުރާ މަސައްކަތްތަކަށް ހޭލުންތެރިކަން އިތުރުކުރުގެ ގޮތުންނެވެ.
ބޮނޑުގެ ކުލަގަދަ ސިފަތަކަށް ޝައުގުވެރިވިޔަސް، އޭގެ އަމަލުތަކަށް ޝައުގުވެރިވިޔަސް، ނުވަތަ ތިމާވެށީގެ މުހިންމުކަމާ މެދު ޝައުގުވެރިކަން ހުރި ކަމުގައި ވިޔަސް، މިއަދަކީ މި ބާވަތްތަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމުގެ ފުރުސަތެކެވެ.
މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ.
ދުނިޔޭގެ ބޮނޑުގެ ތާރީހު އަދިވެސް ހޯދިފައި ނުވާއިރު، މި ދިރުން ދުިނޔޭގެ އެކި ހިސާބުތަކުން ނެތިގެން ދިޔުމުގެ ބިރު އޮތްކަމަށް ކަމާއިބެހޭ މާހިރުން ބުނެއެވެ. ބޮނޑުގެ އެކި ބާވައްތައް ދުނިޔޭގެ އެކި ހިސާބުގައި އުލޭއިރު، މި ދިރުމަކީ، މީ އޭގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމަށް ތިމާވެއްޓަށް ބަރޯސާވާ އެއްޗެކެވެ. އެގޮތުން ބޮޑުގެ ފިނިހޫނިމިން ރެގިއުލޭޓްކުރުގެ ގާބިލްކަން ބިނާވެފައިވަނީ، އަލި ނުވަތަ ހިޔަނީގެ މައްޗަށެވެ.
ދުނިޔޭގައި އެތަކެއް ދިރުންތަކަކަށް ހާއްސަކޮށްގެން އިންސާނުން ކުލަ ގަދަކޮށް ދުވަސްތައް ފާހަގަކުރި ނަމަވެސް، ބޮނޑުގެ ދުވަހެއް އޮންނަކަން އިނގެނީ ވެސް މަދު ބަޔަކަށެވެ. ދުނޔެއިން ނެތިގެން ގޮސްދާނެ ކަމަށް ބެލެވޭ މި ދިރުމުގެ އާބާދީ ދުވަހެއް ދުވަހަކަށް އަންނަނީ ދަށްވަމުންނެވެ.
ސަބަބަކަށް ވެފައިވަނީ، މި އީ އެކި ސޫފާސޫފީގެ ކާނާއަކަށް ވުމާއިއެކު، މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނުންގެ އުނދަގޫވެސް ބޮނޑުގެ އާއިލާތަކަށް ޖެހުމެެވެ.
ބޮޑުގެ އެކި ބާވަތްތަކަކީ ތަފާތު އެކި ހުނަރުތަކެއް ލިބިގެންވާ، ހިތްގައިމު ދިރުމެކެވެ. އެގޮތުން، ބޮނޑާއި ބެހޭ ޝައުގުވެރި ދެތިން ކަމަކަމަށް ބަލާލަމާއެވެ.

ބޮނޑުގެ ބައެއް ވައްތަރުތަކަކީ، ނުރައްކަލަކަށް ހުށަހެލޭ ހިނދު، އޭގެ ނިގޫ އަމިއްލަ ހަށިގަނޑާ ވަކިކޮށްލާ އެއްޗެކެވެ. އެކަމުގެ ސަބަބުން، ޝިކާރަވެރިޔާގެ ކިބައިން އަވަހަށް ދުރަށް ދިޔުމަށް އެއަށް އެހީތެރިވެދެއެވެ.
އަދި ހަމަ އެހެންމެ ބޮނޑުގެ އާއިލާތެރޭގައި ހިމެނޭ ޗަމެލިއަންއަކީ އޭރެއްގައި އުޅޭ ވެއްޓަކާއި އެއްގޮތަށް ކުލަ ބަދަލުކޮށްލާ ދިރުމެކެވެ. އަދި އެއީ އޭގެ ފުނިހޫނުމިނާއި ގުޅޭ ކަމެއްކަމަށް ކަމާއިބެހޭ ދިރާސާތަކުގައި ބުނެފައިވެއެވެ. މީގެ އިތުރުން އެފަދައިން ކުލަ ބަދަލުކޮށްލުމުން، ޝިކާރަވެރިންގެ ކިބައިން ސަލާމަތްވުމަށް އެހީތެރިވެދެއެވެ.
ތިބާ ތިހެން އުޅޭ އިރު، ހޯނު ސީލިންގް ހުރަސްކޮށް، ނުވަތަ ފާރުތަކުގައި ދުވަނީ ކިހިނެއްބާއޭ އެއްފަހަރުވެސް ސުވާލު އުފެދޭ ހެއްޔެވެ. ބޮނޑުގެ އާއިލާގައި ހިމެނޭ ހޯނަކީ، އޭގެ ފައި ތަކުގައި މައިކްރޮސްކޯޕިކް އިސްތަށިތަކެއް ހުންނަ އެއްޗެކެވެ. ފާރުތަކާއި ސީލިންގް ތަކުގައި ހޯނުތަކަަށް އުޅެވެނީ އޭގެ ސަބަބުންނެވެ.

މީގެ އިތުރުން ބޮނޑުގެ ގިނަ ވައްތަރުތަކަކީ ފެތުމުގެ ކުޅަދާނަކަން ލިބިފައިވާ ދިރުމެކެވެ. ބޮނޑުގެ އާއިލާގައި ހިމެނޭ އެންމެ ކުޑަ ވައްތަރަކީ، ޖަރާގުއާ ކިޔާ ވައްތަރެކެވެ. މި ވައްތަރުގެ ބޮނޑުގެ ސައިޒްއަކީ 1.6 ސެންޓިމީޓަރެވެ. އަދި ބޮނޑުގެ އާއިލާގެ ތެރޭ ހިމެނޭ އެންމެ ބޮޑު ވައްތަރަކީ، ކޮމޯޑޯ ޑްރަގެން ކިޔާ ދިރުމެކެވެ. މި ކޮމޯޑޯ ޑްރަގެންގެ ދިގުމިނުގައި، 2.6 މީޓަރު ހުރެއެވެ.

