އަންނަ ނޮވެންބަރ މަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލެގެ މޭޔަރ މުހައްމަދު މުއިއްޒު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ، އެ ޕާޓީގެ ކެންޑިޑޭޓް އާއިއެކު، ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ހއ. ދިއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭ ކުރިއަށް ދާ އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ސައީދު ވިދާޅުވީ، މުއިއްޒުގެ އަރިހުގައި އެ ދެބޭފުޅުން އެކީ ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެ ކަމަށާއި، އެހެންކަމުން ރާއްޖޭގެ ރައީސް ކަމަށް މުއިއްޒުއާއި މެދު، ހިތުގައި އެއްވެސް ޝައްކެއްނެތް ކަމަަށްވެސް ސައީދު ވިދާޅުވިއެވެެ.
ސައީދު ވިދާޅުވީ، މުއިއްޒު ވެރިކަމުގެ ފުރަތަމަ ދުވަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރާނެ ކަމަށާއި، އަދި ގާނޫނީ ހަމަހަމަ ކަމުގެ ތެރެއިން ރައްޔިތުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދެއްވާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ، މުއިއްޒުގެ ފަހަތުގައި އެބޭފުޅުން ނުކުތީ، ރައީސް ޔާމީންގެ އިރުޝާދާއި އެއްގޮތަށް ކަމަށާއި، އެބޭފުޅުން އެކީ ނުކުތީ ރާއްޖެ މިހާރު އޮތް ހިތްދަތިކަމުން އަރައިގަނެ، ރާއްޖެ މިނިވަން ކުރުމަށް ކަމަށެވެ.
ދިއްދޫގައި އެއްވެސް މަޝްރޫއެއް ނެތްކަން ފާހަގަކޮށް ސައީދު ވިދާޅުވީ، އެރަށުން ފެންނަނީ ރައްޔިތުން ތިބީ މާޔޫސްވެފައި ތިބޭ މަންޒަރު ކަމަށެވެ. ނަމަވެސް ޕީއެންސީ ސަރުކާރެއްްގައި އެ ރަށުގެ ރައްޔިތުން އެހެން ތިބެން ނުޖެހޭނެ ކަަމަށާއި، މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް އެ ރަށަށް އިހުމާލުވެފައި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

