އަންނަ ސެޕްޓެމްބަރު މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އީސީއިން ރޭ ހާމަކޮށްފައިވާ ގޮތުގައި، ވޯޓު ލާމީހުންގެ ފައިނަލް ލިސްޓު މިއަދު އާންމުކުރާނެެއެވެ.
“ވޯޓު ލާ މީހުންގެ ފައިނަލް ލިސްޓު އެކުލަވާލަވަމުން މި ދަނީ، މަސައްކަތް މި ކުރަނީ މިރޭ ކޮމިޝަންގެ ވެބްސައިޓްގައި ފައިނަލް ލިސްޓު އާންމު ކުރުމަށް، މިރޭ ނުކުރެވިއްޖެނަމަ މާދަމާ ހެނދުނަށް ޔަގީނުން ވެސް ލިސްޓު އާންމު ކުރެވޭނެ،” ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
ފައިނަލް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ، ގާނޫނުގައި ވެސް ބަޔާންކޮށްފައި އޮންނަ ގޮތުގެ މަތިން ދެ ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން އެ ފުރުސަތު ބުދަ ދުވަހުގެ 3:00 އަށް ހަމަވާނެ ކަން ހަބީބް ފާހަގަ ކުރެއްވި އެވެ.
އަށް ކެންޑިޑޭޓުންގެ ވާދަވެރި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓުގައި 282،395 ނަމެއް ހިމެނެ އެވެ. ރަށްވެހިފައިވާ ރަށް ނޫން ތަނަކަށް ވޯޓު ލާން ރަޖިސްޓްރީ ވާން ހުޅުވާލި ފުރުސަތު ހަމަވެ، ކޮމިޝަނުން މިހާރު ގެންދަނީ ރީރަޖިސްޓްރީ ފޯމުތަކާ އެއް ގޮތަށް ލިސްޓު އަދާހަމަ ކުރުމުގެ މަސައްކަތެވެ.
ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9، ގައި އޮންނަ އިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަދުވެގެން ވޯޓުލާ މީހުންގެ 50 އިންސައްތަ އަދި އިތުރު އެއް ވޯޓު ހޯދަން ޖެހެ އެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެ ވަރަށް ވޯޓު ނުލިބޭނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއްގެ ވޯޓު ލުން ބާއްވަން ޖެހެ އެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ގައުމުގެ ވެރިކަމާ ހަވާލުވާނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ އިންތިހާބުގައި މި ފަހަރު އަށް ކެންޑިޑޭޓުން ވާދަކުރާއިރު، މިއީ ކެންޑިޑޭޓުން އެންމެ ގިނަ ފަހަރެވެ. މީގެ ކުރިން 2008 ގައި ހަ ކެންޑިޑޭޓުން، 2013 ގައި ހަތަރު ކެންޑިޑޭޓުން، އަދި 2018 ގައި ދެ ކެންޑިޑޭޓުން ވާދަކުރި އެވެ.

