އަންނަމަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި މާލޭ ސަރަހައްދުގައި 176 ވޯޓް ފޮށި ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ނިންމެވީ މި އިންތިޚާބުގައި ޖުމްލަ 609 ވޯޓް ފޮށި ބެހެއްޓުމަށެވެ. އެހެންނަމަވެސް ރީ ރެޖިސްޓްރޭޝަންގެ އަދަދުތަކަށް ބަލާ ފޮށީގެ އަދަދު 580 މަދުކުރިކަން އެކޮމިޝަނުން އިއްޔެ ހާމަކުރެއްވިއެވެ. އެހެންނަމަވެސް އެންމެފަހުން ކޮމިޝަނުން ހާމަކުރި ހިސާބުތަކުން މިހާރު މި އިންތިޚާބުގައި ބަހައްޓާނީ ޖުމްލަ 574 ވޯޓް ފޮށްޓެވެ.
މި އިންތިޚާބުގައި މާލޭ ސަރަހައްދުގައި ޖުމްލަ 176 ވޯޓްް ފޮށި ހުންނާނެއެވެ. އަތޮޅު ތެރޭގައި 319 ފޮށި ހުންނައިރު ރާއްޖެއިން ބޭރުގައި 8 ފޮށި ބެހެއްޓުމަށް އިސީން ވަނީ ނިންމަވާފައެވެ. މީގެއިތުރުން 65 ރިސޯޓަކާއި ޖަލުތަކުގައި 5 ފޮއްޓަކާއި ހުޅުލޭގައި 1 ފޮށި ހުންނާނެކަމަޥެސް ކޮމިޝަނުން ވިދާޅުވެއެވެ.
ވޯޓް ފޮށި ބަހައްޓާ ޤައުމުތައް
– ސްރީލަންކާގެ ކޮލަމްބޯގައި 2 ފޮށި
– އިންޑިއާގެ ޓްރިވެންޑްރަމްގައި 1 ފޮށި
– އިނގިރޭސިވިލާތުގެ ލަންޑަންގައި 1 ފޮށި
– މެލޭޝިޔާގެ ކުއްލަލަމްޕޫރްގައި 3 ފޮށި
– އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގައި 1 ފޮށި
ވޯޓް ފޮށި ބަހައްޓާ ޖަލުތައް
– މާފުށީ ޖަލުގައި 2 ފޮށި
– ހުޅުމާލެ ޖަލުގައި 1 ފޮށި
– އައްސޭރި ޖަލުގައި 1 ފޮށި
– ދޫނިދޫ ޖަލުގައި 1 ފޮށި
މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282،395 މީހުންނެވެ. މީގެތެރެއިން 27006 މީހުންނަކީ މުޅިން އަލަށް ވޯޓްލާ ޒުވާނުންނެވެ. އަންނަ މަހުގެ 9 ވަނަދުވަހު ބާއްވާ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެ ވަނަ ބުރުގެ ވޯޓްލުން އޮންނާނީ ސެޕްްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
8 ކެންޑިޑޭޓުން ވާދަކުރާ އިންތިހާބުގެ ފޯރި މުޅި ރާއްޖޭގައި ވަނީ ގަދަވެފައެވެ. ހުރިހާ ކެންޑިޑޭޓުންވެސް ގެންދަވަނީ އެ ބޭފުޅުންގެ ސިޔާސަތުތައް، ބޮޑެތި ވައުދުތަކުގެ ގޮތުގައި ހާމަކުރައްވަމުންނެވެ.

