ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހއ. ކެލާއަށް ވަޑައިގެންނެވުމުން ޕީޕީއެމާއި، ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ނުކުމެ ޑރ. މުޢިއްޒުއާއި އިދިކޮޅު ލީޑަރޝިޕަށް ވަރަށް ހޫނު މަރުޙަބާ އެއް ދަންނަވާފައެވެ.
ކެލާއިން ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މަރުޙަބާ ދަންނަވަމުން ދަނިކޮށް އެމްޑީޕީގެ 5 މީހުން ދިދަ ހިފައިގެން ޑރ. މުޢިއްޒުއާއި ދެކޮޅަށް އަޑު އުފުލަމުންދިޔައެވެ. އަޑު އުފުލަމުން ދިޔަ އެމްޑީޕީ މީހުން ގޮވަމުން ދިޔައީ ދރ. މުޢިއްޒުއަށް އެ 5 މީހުނާއި ކުރިމަތިލައްވަން ކެރިވަޑައިނުގަންނަވާނެކަމަށެވެ. އެހެންނަމަވެސް ފެނިގެން ދިޔައީ އަޚްލާޤީ މިންގަނޑު ހިފަހައްޓަވާ އެހެން ސިޔާސީ ފަރާތްތަކަށް ޑރ. މުޢިއްޒު ދެއްކެވި ރިވެތި ނަމޫނާއެވެ. ޑރ. މުޢިއްޒު ވަނީ އެ 5 އެމްޑީޕީގެ މެމްބަރުންނާއި ގާތަށް ވަޑައިގެން ސަލާމް ކުރައްވާފައެވެ.
ޑރ. މުޢިއްޒު އެމްޑީޕީ 5 މީހުނާއި ސަލާމް ކުރުމާއިއެކު އެ މެމްބަރުން ވަނީ އަޑު އުފުލުން ހުއްޓުމަށްފަހު އިޙްތިރާމާއިއެކު ޑރ. މުޢިއްޒުއާއި ސަލާމް ކުރައްވާފައެވެ.
މިއާއިއެކު އެތައް ބައެއްގެ ސަޕޯޓާއި، ތާއީދު އަނެއްކާވެސް ޑރ. މުޢިއްޒަށް އިތުރުވެގެން ގޮސްފައިވާކަމަށް ކެލާގެ ރައްޔިތުން ދިޔައީ ގޮވަމުންނެވެ.އަދި މިއީ ޑިމޮކްރަސީއަށް ރީތި ނަމޫނާއެއް ކަމަށާއި، ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަންނަވާއިރު، ޑރ. މުޢިއްޒުގެ ފަރާތުން ދަސްކުރަން ޖެހޭ ކަމަށާއި، ރައްޔިތުންނަށް ހެޔޮ ވެރިކަމެއްކޮށްދެވޭނީ ރައްޔިތުންނާއި ގުޅޭ ލީޑަރަކަށް ކަން ކެލާގެ އާންމުން ފާހަގަކުރިއެވެ.
މިކަމަށް އިޝާރާތްކުރައްވާ ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ ކެލާއިން ފެނިގެން އެދިޔައީ އެމްޑީޕީގެ އަސްލު ސައިޒް ކަމަށާއި، ކެލާގެ 90 އިންސައްތަ ޑރ. މުޢިއްޒުއަށް ހޯދައިދެވޭނެ ކަމަށެވެ. މިއާއިއެކު އޭނާ ވިދާޅުވީ ރައީސް ސޯލިހު ކެލާއަށް ވަޑައިގެންނެވީ ކެލާގެ ގޭގެއާއި ބަދިގޭ ދޮރުމަތީގައިވެސް ފުލުހުން ބައިތިއްބާ ޓޭޕް ދަމައިގެން ކަމަށެވެ. އޭގެ ބަދަލުގައި މިއަދު ފެނިގެން މިދިޔައީ ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ގެ ހުރި ހިތްވަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

