ހިނގަމުންމިދާ އެމްޑީޕީ ސަރުކާރު 2018 ވަނަ އަހަރުގެ އިންތިޚާބުގައި ކާމިޔާބުކުުރުމަށްޓަކައި ބައިވެރިވި ކޯލިޝަންގެ ކޮންމެ ބައިވެރިޔަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލަށްލުމުގައި ސަރުކާރަށް އެހީތެރިވީ މީހުންކަމަށާއި، އެކަން ހަނދާން ނުނެތޭނެ ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިފަދައިން ވިދާޅުވީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ދރ. މުޢިއްޒުއާއިއެކު ބޮޑު ތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ހއ.ކެލާގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވަނީ ރައީސް ޔާމީންއަށް މިސަރުކާރުން ވަމުންދަނީ އަނިޔާވެރިކަން ކަމަށް ވިދާޅުވެ އެކަމާއި ގުޅިގެން ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ބައެއް ސިޔާސީ ފަރާތްތައް ހައްޔަރުކޮށް އަދަބުދިނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށާއި، އެއީ އަނިޔާވެރިކަން ނޫންކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ދެން އުފެދޭ ޕީޕީއެމް/ ޕީއެންސީ ސަރުކާރެއްގައި ފެނިގެންދާނީ ޤާނޫނީ އިމުގެ ތެރެއިން ހިނގާ ވެރިކަމެއް ކަމަށާއި، އެހެންކަމުން ދެވަނަ ބުރަކަށް ދާންނުޖެހި އެއްބުރުން މިކަން ނިންމާ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒު އިންތިޚާބު ކޮށްދެއްވުމަށް ކެލާގެ ރައްޔިތުންގެ ކިބައިން އަދުރޭ އެދިވަޑައިގެންނެވިއެވެ.

