ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ސަރުކާރުގެ ފަސް އަހަރު މި ނިމުނީ ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި ވައްކަން ކުރަމުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ބޮޑު ތިލަދުންމައްޗަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓާއިއެކު ކުރައްވާ ދަތުރުފުޅުގައި ރޭ ހއ.ދިއްދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.
”ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި ވައްކަން ކުރަމުން މި ނިމުނީ ފަސް އަހަރު“ ޝުޖާއު ވިދާޅުވިއެވެ.
މިސަރުކާރުގެ ކޮރަޕްޝަން މައްސަލަތަކާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ޝުޖާއު ވަނީ ރިޒާވްގައި ފައިސާއެއް ހުރިއްޔާ އެކައި ހުސްކޮށްފި ކަމަށާއި އަދި ތިޖޫރިއެއް ހުރިއްޔާ އެވެސް ކައި ހުސްކޮށްފި ކަމަށް ވިދާޅުވެފައެވެ.
މި ސަބަބުތަކަށްޓަކައި މި ސަރުކާރު ބަދަލު ކުރަން ޖެހޭކަމަށާއި، އެހެންކަމުން ބޮޑު ތިލަދުން މަތީން މިފަހަރު ބޭނުން ވަނީ ޑރ މުޢިއްޒު ކަމަށް ޝުޖާއު ވިދާޅުވިއެވެ.

