ކުރިޣެ ރައީސް އަބދުﷲ ޔާމީން ގެއަށް ބަދަލުކުރަންޖެހޭ ކަަމށް ވިދާޅުވެ، އެކަަމަށް ޔޫރަޕިއަން ޔޫނިއަންގެ އެހީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.
އެގޮތުން، ރިޔާސީ އިންތިހާބު މޮނިޓާ ކުރުމަށް ރާއްޖެ ފޮނުވާ ޓީމުގެ ޗީފަކަށް ހަމަޖައްސާފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗެޒް އަމޯރް ވަނީ މިއަދު ވަނީ ނަޝީދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާޞު އިންސާފުވެރިކަމާއި އެކު ކުރިއަށް ގެންދިޔުމާ ބެހޭ ގޮތުން ޔޫނިއަންގެ ބޭފުޅުންނާއި މަޝްވަރާކުރުމަށް ވަނީ ކަނޑައަޅާފައެވެ.
މި ބައްދަލުވުމުގައި ނަޝީދުގެ އަރިހުގައި މަޖިލީހުގެ އަމީންއާންމާއި ކައުންސެލް ޖެނެރަލްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި މެދުހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިހާބް ހިނގާގޮތް ބެލުމަށްޓަަކައި އީޔޫއިން ފޮނުވާ ކޯ-ޓީމުގެ ޗީފް އޮބްޒާވަރު، ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، މރ. ނާޗޯ ސަންޗެޒް އަމޯރ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރެއްވުން– ފޮޓޯ: މަޖިލިސް
މަޖިލީހުގެ އިދާރާއިން ބުނީ އިންސާފުވެރި، މިނިވަން އިންތިހާބެއް ބޭއްވުމަށް ޓަކައި ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެހީތެރިވުމަށް އީޔޫގެ އޮބްޒާވަރުންގެ އަރިހުން ނަޝީދު އެދިވަޑައިގެންނެވި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ކެމްޕެއިން ޖަލްސާތަކުގައި ވެސް ނަޝީދު ގެންދަވަނީ ޔާމީނު މިނިވަންކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ޔާމީން މިނިވަން ކުރެވޭނީ ޑިމޮކްރެޓްސް އަށް ކަމަށާއި އެހެންކަމުން އިންތިހާބުގައި އެ ޕާޓީއަށް ތާއީދުކުރުމަށް ނަޝީދު ވަނީ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނަށް ގޮވާލައްވައިފަ އެވެ.
"އަޅުގަނޑުގެ ރަހުމަތްތެރި ޕީޕީއެމް މެންބަރުންނަށް ޔަގީންކޮށް އަރުވަން. އަޅުގަނޑުމެން އިހުތިޖާޖުގައި ވެސް ބައިވެރިވާނަން. ބައިނަލްއަގްވާމީ ފަރާތްތަކާ އެކުގައި ވާހަކަ ދައްކަން ވެސް ދާނެ. އެކިއެކި ބައިނަލްއަގްވާމީ ވަކީލުން ރާއްޖެ އައިސް ވަކާލާތު ވެސް ކުރައްވާނެ،" ނަޝީދު ވިދާޅިުވެފައިވެއެވެ.
ޔާމީނު މިނިވަންކުރުމަށް ނަޝީދު ގޮވާލައްވަމުން ދަނީ އެމްއެމްޕީއާރުސީގެ ވައްކަމުގައި 200 އަށް ވުރެ ގިނަ މީހުން ހިމެނޭއިރު އެންމެ ބޭފުޅަކު ހިފައި ހައްޔަރުކޮށް، ފަސް އަހަރު ވުމުން އެއީ އިންސާފު ކަމަކަށް ބަލައެއް ނުގަނެވޭނެ ކަމަށް ވިދާޅުވެ އެވެ.
އެގޮތުން ޑިމޮކްރެޓްސް ގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސްގެ ކެމްޕެެއިން ޖަލްސާއެއްގައި ނަޝީދު ވަނީ ޔާމީން މިިނިވަންކުރުމަށް ގޮވާލާ އަޑުއުފުލާފައެވެ. އަދި މިފަހުން އައިސް ޔާމީން މިނިވަންކުރުމަށް ގޮވާލާ، ދައްކަވާ ވާހަކަތައް އަންނަނީ އިތުރުވަމުންނެވެ.

