އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ތެރެއިން ކެމްޕެއިން ކުރުމުގައި ޑިމޮކްރެޓްސްގެ ހަމަތައް އިސްކުރުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ގޮވާލައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ކެމްޕޭން ދަތުރާ ދިމާކޮށް ގދ. މަޑަވެލީ އެމްޑީޕީގެ ހަރުގެއަށް ގެއްލުންދީ ތަކެތީގައި ރޯކުރުމަށް ފަހު ރޭ އެ އަތޮޅު ހޯޑެއްދޫގައި އެމްޑީޕީގެ ޖަގަހައަކަށް ގެއްލުންދީފައި ވަނިކޮށް މާރިޔާ މިއަދު ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ ކެމްޕެއިނަކީ ޑިމޮކްރެޓިކް ޕްރޮސެސްގެ މުހިންމު ބައެއް ކަމަށެެވެ. ކޮންމެ ކެންޑިޑޭޓަކަށް ވެސް މިނިވަންކަމާއެކު ކެމްޕެއިނު ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
“ހޯޑެއްދޫގައި އަޅުގަނޑުމެންގެ ހަރުގެއަށް ގެއްލުންދީ ކަޅުތެޔޮ އުކާ ކަންކަން ކުރީ، އެއް ހަރުގެ އަންދާލައިފި ރައީސް ވަޑައިގަންނަވާ ގަޑީގައި ކޯޑަން ބްރޭކް ކުރަން އުޅެފި،” މާރިޔާ ވިދާޅުވި އެވެ.
އަދި ކެމްޕެއިން ކުރުމުގައި، ހަރުގެތަކުގައި ރޯކޮށް ތަކެއްޗަށް ގެއްލުން ދިނުން ފަދަ އަމަލުތައް ނުހިންގައި، ރީތި ކެމްޕޭނެއް ކުރުމަށް މާރިޔާ އެދިވަޑައިގަތެވެ.
“ކެމްޕޭނުގެ ތެރެއިން ރައްޔިތުންނަށް އޮޅުން ފިލަނީ ކޮން ކަމެއް ކަން ރައްޔިތުންނަށް ދެން އޮތް ފަސް އަހަރެއްގެ ތެރޭގައި ކޮން ކަމެއް ކަން ފޯރުކޮށްދެވޭނީ އެ އަޑު ރައްޔިތުންނަށް އިވެސް ވެސް ޖެހޭނެ، އަޑު އަހާލަން ބިރުވެރިކަމެއް ނެތި އެމީހުންނަށް އެ ހިސާބަށް އާދެވޭ ވަރު ވެސް ކުރަން ޖެހޭ، ހަރުގެތައް އަންދާ، ތެޔޮ ޖަހާ، މިކަހަލަ ކަންތައްތައް ހިނގައިގެން ނުވާނެ،” މާރިޔާ ވިދާޅުވި އެވެ.
ވޯޓަކީ ސިޔާސީ އެއްޗެއް ނޫން ކަމަށާއި އެއީ ގައުމީ ތަރައްގީގައި ބައިވެރިވުން ކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް އެކަމުގައި ޝާމިލު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ކަމަށް ހުރަސް އަޅާ ނަމަ ސިފައިންނާއި ފުލުހުންގެ އެހީ ހޯދަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ސިޔާސީ މަސްރަހު އެންމެ ހަލަބޮލިވި ދުވަސްވަރު ވެސް އެމްޑީޕީން އިދިކޮޅުގައި އޮވެގެން އެފަދަ އެއްވެސް ކަމެއް ފެނިފައި ނޯންނާނެ ކަމަށެވެ.
އެއްވެސް ކެންޑިޑޭޓަކު ރަށްރަށަށް ވަޑައިގަންވާއިރު ހުރަސް އަޅާ ކަަމަށް ވާނަމަ، ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ލިބޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

