އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރީ ކުރި މީހުން ގިނަވުމުން، އިތުރު ހަތް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެ ކޮމިޝަނުން ނެރުއްވި އިއުލާންއެއްގައި ބުނެފައިވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރި މީހުންގެ އަދަދަށް ބަލައި، މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ރާއްޖެ އިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ 40 ވޯޓު ފޮއްޓަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އީސީން ހާމަކުރި ގޮތުގައި، މި ރިޔާސީ އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެ އެވެ. އޭގެ ތެރެއިން 176 ވޯޓު ފޮށި ބަހައްޓަނީ ހަމައެކަނި މާލެ ސަރަހައްދުގަ އެވެ. ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގައި އަށް ވޯޓު ފޮށި ބަހައްޓާނެ އެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބެނީ 282،395 މީހަކަށެވެ. މި އިންތިހާބުގައި ވޯޓުލުމަށް 42،867 މީހަކު ރީ-ރަޖިސްޓާކޮށްފައިވެ އެވެ.
މި އަހަރު އަލަށް ވޯޓުލާ ޒުވާނުންގެ އަދަދަކީ 27،006 މީހުންނެވެ.
އެ މީހަކު ރަޖިސްޓްރީވެފައިވާ ފޮށީގެ މައުލޫމާތު އީސީގެ ވެބްސައިޓްގައިވާ އެކަމަށް ހާއްސަ ޕޯޓަލް އިން ބަލައިލެވޭނެ އެވެ. އެސްއެމްއެސް ކޮށްގެން ވެސް ޗެކު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
ރިޔާސީ އިންތިހާބުގގައި ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ، ވޯޓުލުން އޮންނާނީ އަންނަ މަހު 30 ގަ އެވެ.

