ވ. އާރަށުގެ މައްސަލާގައި ހަނު ހުރުމުގެ ހައްގު އިހުތިޔާރުކުރެއްވީ ފުލުހުންގެ ފަރާތުން ފުރައްސާރައާއި ކުރިމަތިލާންޖެހޭތީ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށްވަނީ މަނީ ފަސް މިލިއަން ޑޮލަރުގެ ޖަލު ހުކުމަކާއި އެކު، 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ؛ ކްރިމިނަލް ކޯޓްއިން އިއްވި މި ހުކުމާއިއެކު، އެމަނިކުފާނާއި ދެކޮޅަށް ދަށު ކޯޓްއިން ފާހަގަކުރި އެއްކަމަކީ އެ މައްސަލައިގެ ތަހުގީގުގައި ހަނުހުންނެވުމެވެ.
މިމައްސަލަ އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިލެއްވުމުން، އެކަމާއި ގުޅިގެން މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ޔާމީން ވިދާޅުވީ، މައްސަލައާއި ގުޅިގެން ފުރިހަމައަށް ބަޔާން ދެއްވަމުން ދިޔަ ކަމަށާއި ނަމަވެސް ފުލުހުން ބޭނުންވާ ގޮތަށް ބަދަލު ގެނެސްގެން ކަންކަން ކުރަންފެށުމުން ހަނު ހުންނެވުމުގެ ހައްގު އިހުތުޔާރުކުރުމަށް ނިންމެވީ ކަމަށެވެ. އަދި އާރަށުގެ މައްސަލާގައި އެމަނިކުފާނާއި ސުވާލުކުރީ، ގއ. ވޮޑަމުލާގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމްއެއް ތަންފީޒު ކުރަމުން ދަނިކޮށް ކަމަށްވެސް އެމަނިކުފާނު ފާހަަގަކުރެއްވިއެވެ.
“ފަސް ހަ ފަހަރު އެއް ބަޔާނެއް ތަފާތުކޮށްފައި ގެނައިމަ އަޅުގަނޑު ފުލުހުންނަށް ދަންނަވަމުން ގެންދިޔައިން ތި ކުރައްވަނީ ހެރޭސްއޭ. ފުލުހުންގެ ހުރިހާ ލޮގްތަކެއްގައި ހުންނާނެ މި ވާހަކަތައް. ދެން އިތުރަށް ކުރައްވާ ސުވާލެއް އާރަށާ ގުޅޭގޮތުން ވެސް އަޅުގަނޑު ދެންނެވިން ތި ކުރައްވާ ސުވާލުގެ ޖަވާބު އަޅުގަނޑުގެ ދިފާއު ދޭނީ ޝަރީއަތުގައޭ.” ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އޭރު ފުލުހުން އަމަލުކުރަމުން ގެންދިޔަ ގޮތުން އެމަނިކުފާނުގެ ހުރިހާ ވަކީލުން ތަހުގީގި މަރުހަލާގައި އެ މައްސަލަ ދޫކޮށްލި ކަމަށެވެ.
“އެއްވެސް ގޮތަކަށް ފުލުހުން މަގު ނުދެއްކެވީމަ، ޕްރެސް ކުރީމަ އަޅުގަނޑު ބުނެފިން ހަނު ހުރުން ބޭނުންވާ ކަމަށް ވަންޏާ މިހާރު މި ހަނު ހުންނަނީއޭ.” ޔާމީން ވިދާޅުވި އެވެ.
މި މައްސަލައާއި ގުޅޭ ގޮތުން އިތުރު އަޑުއެހުންތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފާއެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ ނުވަަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިގެން ދިޔައީވެސް، އެމަނިކުފާނަށް އިއްވާފައޮވާ ޖަލު ހުކުމް ދެމިއޮތުމުންނެވެ.

