އައްޑޫގެ އެކި ހިސާބުތަކުން ދޫކުރާ 1000 ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެހާ ފަރާތްތަކަށް ގޯތި ދިނުމަށް ނިންމައި ވަގުތީ ލިސްޓް އާންމުކޮށްފިއެވެ.
އައްޑޫއިން ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 3،972 މީހެއްގެ ޝަރުތު ހަމަވާ ކަމަށް ކައުންސިލުން ވަނަީ ހާމަކޮށްފައެވެ. މީގެ އިތުރުން، ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެެވެ.
ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފައި ވާއިރު، ހިތަދޫން ގޯތި ދޭން ނިންމާފައިވަނީ ހިތަދޫ އަލަށް ހިއްކި ސަރަހައްދުންނެވެ. ފޭދޫން ވެސް ދޭން ނިންމާފައި ވަނީ ބިން ހިއްކައިގެންނެވެ. ހުޅުދޫ އާއި މީދޫގެ ބިން ހިއްކަން ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
އައްޑޫން ގޯތި ދޫކުރަން ނިންމައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެންމެ ފުރަތަމަ އިއުލާނުކުރީ 1،000 ގޯތި ދޫކުރާށެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯއްޗެވެ.

