އަންނަ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބަށް މި ފަހަރު ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ވާހަކަތައް ހުންނަ ގޮތުން ހީވަނީ ޚުދުމުޙުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅުވެގެން އުޅުއްވާހެން ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެބޭފުޅުން ވެރިކަމަށް ހޮވިއްޖެނަމަ، މިވެނި ކަމެއް ކުރާނަމޭ ނުވަތަ ވަގުތުން ހުއްޓުވާނެމޭ ބުނާ އިރު ގާނޫނު ކޮބައިތޯ ސުވާލުކުރައްވާފައެވެ.
“ބައެއް ކެންޑިޑޭޓުން ވާހަކަފުޅު ދައްކަވާއިރު ހީވަނީ ޚުދު ޟުޚުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅު ވާހެން. ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ. ކޮބައިތޯ ޤާނޫނު؟ ކޮބައިތޯ ޑިއު ޕްރޮސެސް؟”
އަންނަ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި 8 ބޭފުޅުން ވާދަކުރައްވައެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިތުރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. މީގެ އިތުުރން، އަމިއްލަ ގޮތުން އިންތިހާޞުގައި ވާދަކުރައްވާ ބޭފުޅުންނަކީ ރައީސް މައުމޫންގެ ދަރިކަލުން، އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ހަސަން ޒަމީލެވެ.
މިހުރިހާ ބޭފުޅުންވެސް ގެންދަވަނީ، ސިޔާސަތުތައް ހާމަކުރައްވައި ވެރިކަމުގެ ފަސް އަހަރަށް ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ.

