ކުރީގެ ރައީސް ޔާމީން މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގްއާއި އަދި ރިޝްވަތުގައި ހިފިކަން ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލާގައި، ސަރުކާރުން އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ޕީޕީއެމް އަދި ޕީއެންސީ އެކަމުގެ ކަންބޮޑުވުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މަންދޫބުންނާއި ހިއްސާކޮށްފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ހާމަކުރެއްވި ގޮތުގައި، ރިޔާސީ އިންތިހާބުގެ ކަންކަން އޮބްޒާވް ކުރުމަށް އައިސް ތިބި އީޔޫގެ މަންދޫބުންނާއި އެކު އެބޭފުޅުން ވަނީ މިއަދު ބައްދަލުވުމެއް ބާއްވާފައެވެ. އަދި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ތިން ކަމަކަށް އަލިއަޅުވާލާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންއިން ފާހަގަކުރި ކަންކަމުގެ ތެރޭގައި، ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި، އެމަނިކުފާނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަންއިން ބަލައިގެންފައި ނުވުމާއި، އެ މައްސަލަ ސެޕްރީމް ކޯޓްއަށް ހުށަހެޅުމުން ކޯޓުން އީސީއާއި އެއްކޮޅަށް މައްސަލަ ނިންމި ނިންމުމުގެ އިތުރުން، ޔާމީން ޖަލުގައި ހުންނެވުމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ” އިދިކޮޅު ލީޑަރު ޖަލުގައި ބާއްވައިގެން ކުރިއށް ގެންދާ އިންތިހާބެއް ކަމަށާއި އެކަމުގެ ކަންބޮޑުވުން، އީޔޫގެ ފަރާތްތަކާއި ހިއްސާކޮށްފައިވާނޭ ކަމަށް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އީސީއާއި އެއްކޮޅަށް ކޯޓުން ހުކުމްކޮށްފައިވަނި ސަރުކާރުގެ ނުފޫޒު އޭގެ ތެރެއަށް ވަދެގެން ކަމަށްއެ ބައްދަލުވުމުގައި އެ ކޯލިޝަނުންވަނީ ތުހުމަތުކޮށްފައެވެ.
މި މައްސަލާގައި ޕީޕީއެމް ޕީއެންސީއިން އީޔޫގެ މެންބަރުންގެ އަރިހަށް ވަޑާއިގެންފައިވާއިރު، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޔާމީން މިނިވަން ކުރުމަށް އެދި އެބޭފުޅުންގެ އަރިހަށް ވަޑައިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް ނަށީދުގެ އެ ވާހަކަތަކުގެ ޖަވާބެއްގެ ގޮތުން އީޔޫގެ މަންދޫބުން ރާއްޖެ އައިސް ތިބީ ރިޔާސީ އިންތިހާބުގެ ކަންކަން އޮބްޒާވް ކުރައްވަން ކަމަށާއި، އަދި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ އަދި ޔާމީންގެ މައްސަލައާއި ބެހޭ ގޮތުން އެއްވެސް ކޮޅަކަށް ބުރަވެ އެއްވެސް ވާހަކައެއް ސަރުކާރާއި ނުދައްކާނޭ ކަމަށް އެބޭފުޅުން ވަނީ މިއަދު ވިދާޅުވެފައެވެ.

